ދުވާލަކު ތިން ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބުއިމަކީ މައިގްރެއިންގެ ނުރައްކާ ބޮޑުކޮށްދޭ ކަމެއް ކަމަށް ދާދި ފަހުން ޝާއިރުކުރި ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އެއް ބިލިއަނަށްވުރެ ގިނަ މީހުންނަށް މައިގްރެއިންގެ މައްސަލަތަކާ ކުރިމަތިވާއިރު، މައިގްރެއިން އަކީ ދުނިޔޭގައި ތިންވަނައަށް އެންމެ އާންމު ބަލި ކަމަށް އެމެރިކާގެ ބެތު އިސްރާއީލް ޑީކަނެސް މެޑިކަލް ސެންޓަރު (ބީއައިޑީއެމްސީ)ގެ ދިރާސާވެރިން ބުނެ އެވެ.

ގަދައަށް ބޮލުގައި ރިއްސުމުގެ އިތުރުން މޭނުބައިކުރުމާއި، މޫޑް ބަދަލުވުމާއި، އަލި އަދި އަޑަށް ސެންސިޓިވްވުމުގެ އިތުރުން ހެލޫސިނޭޝަންތަކަކީވެސް މައިގްރެއިންގެ ބައެއް އަލާމާތްތަކެވެ.

އެމެރިކަން ޖާނަލް އޮފް މެޑިސިންގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި ވަނީ ކެފެއިން ހުންނަ ބުއިންތަކުން މައިގްރެއިން އަށް މަގުފަހިވޭތޯ ތަހުލީލްކޮށްފަ އެވެ.

ހާވާޑް ޔުނިވާސިޓީއިން ހެދި މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އެޕިސޯޑިކް މައިގްރެއިން ތަޖުރިބާކުރާ ފަރާތްތަކުގެ މެދުގައި، ކެފެއިން އެކުލެވޭ ބުއިންތަކުގެ އެއް ތަށި ނުވަތަ ދެ ތަށި ބުއިމަކުން އެދުވަހު ބޮލުގައި ރިއްސުމާއި ގުޅުމެއް ނުވާ ކަމަށެވެ.

ނަމަވެސް ތިން ތަށި ނުވަތަ އެއަށްވުރެ ގިނައިން ކެފެއިން ހުންނަ ބުއިންތައް ބުއިމަކީ، އެ ދުވަހު ނުވަތަ އޭގެ ފަހު ދުވަހު މައިގްރެއިން ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ކެފެއިން ހުރި ބުއިންތައް ވަރަށް މަދުން ނޫނީ ނުބޯ ފަރާތްތަކުގެ މެދުގައި، ކެފެއިންގެ އެއް ނުވަތަ ދެ ސާވިންގް ބުއިމަކީވެސް އެދުވަހު ބޮލުގައި ރިއްސުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާވެރިން ބުނެ އެވެ.

ކެފެއިންގެ އަސަރު ބިނާވެގެންވަނީ ކެފެއިން ބޭނުންކުރާ ޑޯޒް އާއި ފްރިކުއެންސީގެ މައްޗަށެވެ. އެހެންނަމަވެސް ކެފެއިން ހުރި ބުއިންތައް ބުއިމުން މައިގްރެއިން ޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމަށް މާގިނަ ދިރާސާތަކަކުން ދައްކާފައި ނުވާތީ، މައިގްރެއިން ހުންނަ މީހުން ކެފެއިން ބޭނުންކުރަންވީ ވަކި މިންވަރެއް ކަނޑައެޅުމަށް ބޭނުންވާ ހެކި ނެތްކަމަށްވެސް ދިރާސާވެރިން ބުނެ އެވެ.

އެހެން ކަމުން އެންމެ މޮޅު ގޮތަކީ ކޮފީ ބުއިމުގައި ވެސް މެދު މިންވަރު އިހްތިޔާރުކޮށް އެއިން ލިބޭ ގެއްލުންތައް ކުޑަ ކުރަން މަސައްކަތް ކުރުމެވެ.