ސ. ވިލިނގިލީގައި ހިންގި ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓަށް ލިބެމުންދާ ގެއްލުމުގެ ބަދަލަށް ނަގާ ލޯނަށް ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ރިސޯޓު ނުހުޅުވި ލަސްވާ މައްސަލައާ ބެހޭ ގޮތުން އައްޑޫ- މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މަޖިލީހުގައި މިއަދު ކުރި ސުވާލުތަކަށް ޖަވާބު ޑރ. މައުސޫމް ވިދާޅުވީ ޝަންގްރިއް-ލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮވެ ހުޅުވުން ލަސްވުމަކީ ރައްޔިތުންގެ ގިނަ ސުވާލު ތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. ނަމަވެސް ޝަންގްރިއް-ލާ ނުހުޅުވި ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ އަގަށް ސަރުކާރުން 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާ، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ޝަންގްރިއްލާއަކީ އައްޑޫގައި ހެދި ފުރަތަމަ ރިސޯޓެވެ.
"ޝަގްރިއްލާއަކީ 284 އެނދުގެ ތަނެއް. އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލަސް ފައިނޭންސް ކުރަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. "އެ އަގަށް 65 މިލިއަން ޑޮލަރު ދައްކަން ޖެހޭ. ނަމަވެސް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމަ. ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ ހިއްސާ ދޫކޮށްލަން."
ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ޓޫރިޒަމް ގާނޫނަށް ސަރުކާރުން އެންމެ ފަހުން ގެނައި އިސްލާހުގެ ސަބަބުން ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ހިއްސާ ބަދަލު ކުރަން ވެސް 80 މިލިއަން ރުފިޔާ ވަރު ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޓޫރިޒަމް ގާނޫނަށް ގެނައި ދިހަ ވަނަ އިސްލާހުން ފޯމިއިލާއެއް ލިބުނު. ނަމަވެސް އަށްޑިހަ މިލިއަން ރުފިޔާ ވަރު އަރާ. އެހެންވެ ޓޫރިޒަމް ގާނޫނަށް އެގާރަ ވަނަ އިސްލާހު ވާނީ ޑްރާފްޓްކޮށްފައިވާނީ. އޭގެ ދަށުން 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ގެނެވޭ ކަމަށް ބެލެވޭ،" މައުސޫމް ވިދާޅުވި އެވެ. "ފިނޭންސް މިނިސްޓަރާއި އައްޑޫ އިންވެސްޓްމަންޓް ގުޅިގެން މިދަނީ ޝަންގިއްލާ ހުޅުވަން މަސައްކަތް ކުރަމުން."
މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫ ކެނެރީފް ރިސޯޓު ހުޅުވުމަކީ ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.
"ސްރީލަންކަން އެއާލައިންސާއި މޯލްޑިވިއަން އަދި ޕްރައިވެޓް ސެކްޓާއިން ގިނަ މަސައްކަތްތަކެއް ކުރި. ރިސޯޓެއް ހުޅުވުމަކުން ނުނިމޭ،" މައުސޫމް ވިދާޅުވި އެވެ.
ދެންތިހެން ކިޔަކިޔާތިބޭ