ޔޫކްރެއިންގެ ހާލަތާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ޔޫކްރެއިން އާއި ރަޝިޔާ އާއި ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖެއަށް ކުރާނެ އަސަރުތަކާއި މެދު ސަރުކާރުން ސަމާލުވުމަށް ގޮވާލައްވާފައިވެ އެވެ.

ޔޫކްރެއިންއާއި ރަޝިޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމު ކަމަށާއި އެހެންކަމުން އޭގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ޔޫކްރެއިންގައި މެޑިސިން ކިޔަވަން ރާއްޖޭގެ 50އަށްވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެކުދިންގެ ކަންތައްތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. ނަމަވެސް މިނިސްޓްރީން މާބޮޑު އެހީތެރިކަމެއް ލިބެމުންނުދާކަމަށް ބައެއް ކުދިންދަނީ ބުނަމުންނެވެ. އަދި މިކަމާގުޅިގެން ޔޫކްރެއިންގައިތިބި ދަރިވަރުންގެ ބެލެނިވެރިން މިއަދު ފޮރިން މިނިސްޓްރީއަށް ދިޔަ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރަޝިޔާއިން ކޮންމެ ވަގުތެއްގައިވެސް ޔޫކްރެއިނަށް ހަމަލާ ދީފާނެ ކަމަށް ގަބޫލު ކުރެވޭތީ މުޅި އެ ޤައުމު އޮތީ ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެފަ އެވެ.