އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދުފާ ނައީމް އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ފޮރިން ސެކްރެޓަރީން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި މިނިސްޓަ އޮފް ފޮރިން އެފެއާޒް، މިނިސްޓަ އޮފް ފިނޭންސް، މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، މިނިސްޓަ އޮފް ޑިފެންސް އަދި މިނިސްޓަ އޮފް ޓޫރިޒަމް އާއި ބައްދަލުކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ފޮރިން މިނިސްޓްރީ

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އެމަނިކުފާނު މިދިޔަ ޖެނުއަރީ 29 ގައި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.