ވ. އާރަށް ކުއްޔައްދިނުމުގެ މުއާމަލާތާ ގުޅޭ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ލައިވްކުރެވޭނެ އިންތިޒާމްތައް ހަމަޖެހެންދެން އަޑުއެހުންތައް މަޑުޖައްސައިދިނުމަށް ކޯޓުގައި އެދިވަޑައިގެންފި އެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އެކަމަކު އެ ދެ ދައުވާއަށް ވެސް އެމަނިކުފާނު އިންކާރު ކުރެއްވި އެވެ.

މި މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ މި މައްސަލާގައި ދައުވާ ކުރާ ޔޫސުފް ނައީމް ދައުވާއަށް ޖަވާބުދާރީ ވުމެވެ. ޔޫސުފް ނައީމް ވަނީ އޭނާއަށް ކުރާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާފުވާ ކަމަށާއި ދައުވާއަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ދައުވާއަށް އިންކާރު ކުރަމުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ދައުވާގައި ހިމެނޭ ދެ މުއާމަލާތާއި ވެސް ޔޫސުފް ނައީމްއާއި ގުޅުވޭނެ ގޮތެއް ނެތް ކަމަށާއި، އެކަން ކޯޓުގައި ސާބިތު ކޮށްދޭނެ ކަމަށެވެ. އަދި ޔޫސުފް ނައީމްގެ ވަކީލުން ވަނީ ދައުލަތުން ހެކި ހުށައެޅުމުން ދިފާއުން ހެކި ހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފަ އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ މި ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. .

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދަން އެދެމުން އަންނަ ކަަމަށާއި، އެމަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. .

އެ މައްސަލައިގެ އަޑުއެހުންތައް ފެށުނު ހިސާބުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ ޝަރީއަތުގެ އަޑުއެހުންތައް ވަގުތުން ދުރަށް ދެއްކުމަށް އެދިވަޑައިގަންނަވަމުންނެވެ.

އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު ވަނީ، ބައެއް އާންމު މީޑިއާތަކުން ޝަރީއަތް ލައިވްކޮށްދޭން ހުށަހަޅާފައި ވާކަން ފާހަގަކުރައްވައި އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޝަރީއަތް ލައިވްކޮށްދޭން ހުށަހެޅި "ސަންގު ޓީވީ" އާއި "ޗެނަލް 13" ގެ ފަރާތުނެވެ. އެހެން ނަމަވެސް މިކަމާބެހޭ ގޮތުން ކްރިމިނަލް ކޯޓުން ވަކި އެއްޗެއް އަދި ހާމަކޮށްފައިނުވެ އެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ބުނާ މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.