މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އެމްއެންޔޫގެ ދަރިވަރުންތަކަކަށް ގަނާކުރި ވާހަކަތައް މީޑިއާގައި ނުދެއްކުމަށް އެ ޔުނިވާސިޓީން އެދިއްޖެ އެވެ.

އެމްއެންޔޫންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާއަށް މި މަހުގެ 17 ވަނަ ދުވަހުގައި އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކެއް ގަނާ ކުރުމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ އެ ޔުނިވާސިޓީން ބަލަމުންދާކަމަށެވެ. އެ މައްސަލަ ނިމުނުހާ އަވަހަށް އެކަން ހިނގާފައިވާ ގޮތް ދަރިވަރުންނާއި ހިއްސާކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށާއި ނަމަވެސް ތަހްގީގު މަރުހަލާގައި އެކަމާއި ގުޅޭ ގޮތުން މީޑިއާ ތަކުގައި މައްސަލަ އޮޅޭގޮތަށް ވާހަކަ ނުފެތުރުމަށް އެދޭކަމަށްވެސް އެމްއެންޔޫގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްޔޫގައި ކިޔަވަމުންދާ ރީއަތު ނަމަކަށް ކިޔާ ދަރިވަރަކު ޓްވީޓާގައި އޭނާ އަށް ދިމާވެފައިވާ ކަންކަމުގެ ވާހަކަ ކިޔަދެމުން ބުނެފައިވަނީ އޭނާ އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް އެމްއެންޔޫ މެޑިސިން ސްކޫލުގެ އެހެން ކުއްޒަކު ގަނާ ކުރަމުން އަންނަތާ ދެ އަހަރުވެފައިވާކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންގެ ކިޔެވުމަށް އަސަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އެ ތަނުގެ އިސްވެރިންގެ ސަމާލުކަމަށް ގެނައިކަމަށާއި ނަމަވެސް ކޮންމެ ފަހަރަކުވެސް ގަނާ ކުރާ ކުއްޖާ ސަލާމަތްވެ ހިމާޔަތް ކޮށްދޭކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ރީއަތު ބުނީ އެކުދިންނަށް ގަނާ ކުރަނީ މިފަދަ ކަންކަން ކުރިންވެސް ކޮށްފައިވާ ކުއްޖެއްކަމަށާއި ނަމަވެސް އެއްވެސް ފަހަރަކު އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. މި މައްސަލަތައް އެކި ފަހަރު މަތިން އެ މީހުންގެ ޑީންގެ ސަމާލުކަމަށްވެސް ގެނައިކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް މައްސަލަ ނިމޭ ގޮތުން ނާއުންމީދު ވާކަމަށެވެ. އަދި ގަނާ ކުރި ކުއްޖާ ސަލާމަތްވެ އޭނާ އިތުރު ހިތްވަރަކާއި އެކު އެކަން ކުރާ ކަމަށާއި އޭނާ އިތުރު ބައިވެރިންވެސް އެކަމުގެ ތެރެއަށް ވައްދާފައިވާކަމަށެވެ.