މޮސްކޯ (22 ފެބްރުއަރީ) - އިރުމަތީ ޔޫކްރެއިންގެ ވަކި ދައުލަތެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ސަރަހައްދުތަކަށް ރަޝިއާގެ ސިފައިން އެރުމަށް އެ ގައުމުގެ ރައީސް ވްލަމިދިރް ޕުޓިން އަމުރު ކޮށްފި އެވެ.

ޕުޓިން މި އަމުރުކޮށްފައި މިވަނީ އިރުމަތީ ޔޫކްރެއިންގައި ވަކިވެގަނެގެން އުޅޭ ސަރަހައްދުތައް ކަމަށްވާ ޑޮނެޓްސްކްއާއި ލުގަންސްއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާއިން ބަލައިގަތުމަށް ފަހުގަ އެވެ.

މި ދެ ސަރަހައްދަކީ ޔޫކްރެއިންގެ މައި ސަރުކާރާ ވަކިވެގަނެ ރަޝިއާއަށް ވާގިވެރިވާ ދައުލަތެއް ބިނާކޮށްފައިވާ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރޭގެ ވަގުތެއްގައި އެ ސަރަހައްދުތަކަށް އަރަން ރަޝިއާ ސިފައިންނަށް އަމުރު ކުރުމަށްފަހު ޕުޓިން ވަނީ އެ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ސިފައިންނަށް އިރުޝާދު ދީފަ އެވެ.

ރަޝިއާގެ މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ރަޝިއާ އަސްކަރިއްޔާގެ ޓޭންކުތަކާއި އުޅަނދުތައް އިރުމަތީ ޔޫކްރެއިންގެ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން ދާ މަންޒަރު ފެނެ އެވެ.

ޕުޓިންގެ މި އަމުރާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ރަޝިއާގެ އެ ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. އެގޮތުން ރަޝިއާއިން އެޅި ފިޔަވަޅު ކުށްވެރިކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޖަޕާން، ޖަރުމަނު އަދި އެމެރިކާ ވެސް ހިމެނެ އެވެ.

ހަމައެއާއެކު ރަޝިއާގެ މި އަމަލަކީ އަޅާނުލާ ދޫކޮށްލެވޭނެ ފިޔަވަޅެއް ނޫންކަމަށް ވެސް ޖަރުމަނު، ފްރާންސް އަދި އެމެރިކާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާއާ ދެކޮޅަށް އެޅުމަށް އެގައުމުތަކުން ހަމަޖައްސާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އަޅާނެ ކަމަށް ބުނެފަ އެވެ.

މިއާއެކު އެމެރިކާއިން ބުނީ ރަޝިއާގެ މި ފިޔަވަޅަކީ ސުލްހަވެރި މަޝްވަރާތަކާ ދުރަށް ރަޝިއާއިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ރަޝިއާއާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެމެރިކާއާއި ނޭޓޯއިން އަޅާނެ ކަމަށްވެސް އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ޔޫކްރެއިންއިން ބުނީ ދެން ރަޝިއާއިން އަޅާ ފިޔަވަޅެއް ބިނާވާނީ ދުނިޔެއިން މިކަމަށް ރައްދުދޭ ގޮތަކަށް ކަމަށެވެ. އެއާއެކު އދގެ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކަށް ވެސް އެގައުމުން ވަނީ އެދިފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މިވަގުތަށް ޔޫކްރެއިންގެ ވަކި ސަރަހައްދެއްގައި ރަޝިއާ ސިފައިން ހަރަކާތްތެރިވި ނަމަވެސް އެގައުމުގެ އަމާޒަކީ މުޅި ޔޫކްރެއިން ހިފުން ކަމަށެވެ.

ޔޫކްރެއިންގެ ބޯޑަރު ކައިރީގައި ރަޝިއާގެ 150،000 އަށްވުރެ ގިނައިން ޖަމާކޮށްފައި ތިބި އިރު އެގައުމުގެ އިތުރު ސިފައިންތަކެއް ދަނީ ބެލަރުސްއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނެއްގައި ބައިވެރިވަމުންނެވެ. -- ސީ އެން އެން