ޒަވާޖީ ހަޔާތެއް ފަށާ ދުވަހަކީ ކޮންމެ މީހެއްގެ ވެސް ހަޔާތަށް ވެސް އަންނާނެ ވަރަށް ހާއްސަ ދުވަހެކެވެ. އެއީ ކުރީގެ ދިރިއުޅުމުން އެއްކިބާވެ، މުޅިން އާ އެހެން ޒިންމާތަކެއް ބޮލު އަޅައި މުޅިން ތަފާތު ޖަޒުބާތެއްގެ ކުލަ ދިރިއުޅުމުގައި ޖެހިގެން ދާތީ އެވެ. އެގޮތުން ކައިވެނި ކުރެވޭ ތާރީހަކީ ވެސް ވަރަށް ހާއްސަ ތާރީހަކަށް ހަދަަން ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ.

މިއަދު ކައިވެނީގެ މަތިވެރި ގުޅުމުން ގުޅެން ބޭނުންވެގެން ގިނަ ބަޔަކު މިއަހަރުގެ އެންމެ ރީތި ތާރީހު ކަމަށް 2022-02-22 މިއަދު ޒަވާޖީ ހަޔާތުގެ ގޮށް ޖެހުމަށްޓަކައި ފެމިލީ ކޯޓުގައި ގިނަ ބަޔަކު މިވަނީ ކިޔު ހަދާފަ އެވެ.

ފެމިލީ ކޯޓުން ބުނިގޮތުގައި މާލޭގައި އެކަނި މިއަދު 87 ކައިވެނި ކުރެވިގެން ދާނެ އެވެ.

މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މި ކަން އޮތީ މިގޮތަށެވެ. އެގޮތުން އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި ވެސް މިއަދު ވަނީ ގިނަ ބަޔަކު ކައިވެނި ކޮށްފަ އެވެ. އޭގެ އިތުރުން އެހެނިހެން ރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ވެސް މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކު ކައިވެނި ކޮށްފަ އެވެ.