ކީވް (25 ފެބްރުއަރީ) - ޔޫކްރެއިން އަސްކަރިއްޔާގެ ވައިގެ ދިފާއީ ހުރިހާ ވަސީލަތެއް ނައްތާލައި އެ ގައުމުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ރަޝިއާއިން ނަގާފައިވާ ކަމަށް ހުޅަނގުގެ އިންޓެލިޖެންސް އޮފިސަރެއް ބުނެފި އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ޔޫކްރެއިންގައި ހިންގަމުން އަންނަ ރަޝިއާގެ އަސްކަރީ އޮޕަރޭޝަން ފުޅާ ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އޭނާ ބުނީ ޔޫކްރެއިންގެ އަސްކަރިއްޔާގައި މިވަގުތު އެ ގައުމު ރައްކާތެރި ކުރެވޭނެ ފަދަ ވައިގެ ވަސީލަތްތަކެއް ނެތް ކަމަަށާއި ދެން ކުރިމަތިވާ ހަމަލާއަކާ ކުރިމަތިލާނެ އަސްކަރީ ވަސީލަތްތައް އެ ގައުމަކަށް ލިބިގެން ނުވާ ކަމަށެވެ.

"އެހެން ގޮތަކަށް ބުނާާނަމަ ރަޝިއާއިން ވަނީ ޔޫކްރެއިންގެ މައްޗަށް އަތްގަދަ ކޮށްފައި،" އޭނާ ބުންޏެވެ.

އެހެން ނަމަވެސް ރަޝިއާގެ ހަމަލާތަކަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން އެއްގަމު މަގުން ވަރުގަދަ ރައްދުތަކެއް ދެމުން އައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ވަގުތު ތަކުގައި ވެރިރަށް ކީވްއަށް ހަމަލާ ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" އޭނާ ބުންޏެވެ.

އެއާއެކު ކުރިއަށް އޮތް ދުވަސްތަކަކީ ޔޫކްރެއިންގައި ލޭ އޮހޮރުވުމާއި އަަނިޔާވެރިކަން ފެންނާނެ ދުވަސްތަކެއްގެ ގޮތުގައި އޮފިސަރު ސިފަ ކުރައްވާފައިވެ އެވެ.