ވޮޝިންޓަން (25 ފެބްރުއަރީ) - ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދީ ހަނގުރާމަ ފެށުމާއެކު އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.

މި ފިޔަވަޅުތަކާއެކު ކުރިން ލަފާ ކުރެވިފައިވާ ގޮތަށް ރަޝިއާގެ ހައި ޓެކް އިމްޕޯޓްސް އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ.

އެގޮތުން ޔޫރަޕްގެ އެހެން ގައުމުތަކާ ގުޅިގެން އަޅާފައިވާ މި ފިޔަވަޅުތަކުގެ ދަށުން ރަޝިއާގެ ބޭންކުތަކާއި އެމެރިކާގެ ބޭންކުތަކާ ދެމެދު ހިންގަމުން އައި މުއާމަލާތްތައް ހުއްޓޭނެ އެވެ.

އާ ދަތި ކުރުމުގެ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް ޑޮލަރާއި ޔޫރޯ އަދި ޕައުންޑްގެ އިތުރުން ޔެން ލިބުމުގައި ވެސް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ކުރު މުއްދަތުގައާއި ދިގު މުއްދަތުގައި ވެސް ރަޝިއާގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަންގެ ވާހަކަފުޅަށްފަހު އެ ގައުމުގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ރަޝިއާއަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓެއް އާއްމުކޮށްފަ އެވެ.

އޭގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަމިޑިރް ޕުޓިންއާ ސީދާ ގުޅުންހުރި ކުންފުނިތަކާއެކު ރަޝިއާގެ ބޮޑެތި ކުންފުނިތަކަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. -- ސީ އެން އެން