ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމަ ތިންވަނަ ދުވަހަށް ދެމިގެން ގޮސްފައިވާއިރު ޔޫކްރެއިންގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އެގައުމުގެ އަސްކަރިއްޔާގެ ނިސްބަތުން ރަޝިއާގެ ހަމަލާތަކަށް ރައްދު ދެމުން ދިޔަ ނަމަވެސް ވަރުގަދަ ރަޝިއާގެ ކުރިމަތީގައި އެ އަސްކަރިއްޔާއަށް އަންނަނީ ގޮންޖެހުންތަކާ ކުރިމަތި ވަމުންނެވެ.

މި ހަނގުރާމައާއެކު ޔޫކްރެއިންގެ އާއްމު ހާލަތު ވެސް ވަނީ ބޮއްސުންލައި ރައްޔިތުންގެ އަސާސީ ހައްގުތަކުން ވެސް ވަނީ މަހުރޫމް ކުރެވިފަ އެވެ.

މަދަނީ އިމާރާތްތައް އަމާޒަކަށް

ރަޝިއާއިން ހަމަލާތައް ރޭ ދަންވަރުން ފެށިގެން ވަރުގަދަ ކޮށްފައިވާއިރު މިހާތަނަށް ވެރިރަށް ކީވްގެ ރައްޔިތުން ދިރިއުޅޭ މަދަނީ އިމާރާތްތަކަކަށް ވަނީ ރަޝިއާގެ މިސައިލްތައް އަމާޒުވެފަ އެވެ. މި ހަމަލާތަކުގައި ގެއްލުން ލިބުނު އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން ދާއިރު ގިނަ ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުވެ މަރު ވެސް ވެފަ އެވެ.

ރަޝިއާއިން ރޭ ދަންވަރުގެ ވަގުތެއްގައި ދެ މިސައިލް ކީވްއަށް ފޮނުވާލިކަން ޔަގީން ކޮށްދިން ނަމަވެސް އެ ގައުމުގެ އަމާޒަކަށްވީ މަދަނީ އިމާރާތްތައް ނޫން ކަމަށް އެ ގައުމުން ބުނެ އެވެ.

ހަމަލާގައި ގެއްލުން ލިބުނު އިމާރާތަކުން މީހުން ހުސްކުރަނީ

ހަތިޔާރާއެކު މަގުމަތީގައި

ހޮނިހިރު ދުވަހުގެ ފަތިހު ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިރަށް ކީވްގެ މަގުމަތީގައި ބަރު ހަތިޔާރާއެކު ކުރިމަތިލުންތައް ކުރިއަށްދާ ކަމަށެވެ. އެއާއެކު ރައްޔިތުން ކެތްތެރިކަން އިސްކޮށް ގެދޮރުގައި ރައްކާތެރިކަން ހޯދުމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިން މަގުމަތީގައި

އާއްމުންނަށް ވެސް ބަރު ހަތިޔާރު

ދުޝްމަނުން ކީވްއަށް އަރައި އާއްމު ގަތުލު އާއްމަކަށް ގޮސްދާނެ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަސްކަރީ ތަމްރީނުތައް ވަނީ ދީފަ އެވެ. އެގޮތުން އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އަސްކަރިއްޔާއިން ވަނީ ބަރު ހަތިޔާރު ފޯރުކޮށްދީފަ އެވެ.

ހަމައެއާއެކު އަސްކަރިއްޔާއާ ގުޅެން ބޭނުންވާ އާއްމުން އެކަމަށް އިސްނެގުމަށް ވެސް އިންޓީރިއާ މިނިސްޓަރު ވަނީ އެގައުމުގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

https://m.facebook.com/story.php?story_fbid=4961905823899484&id=100002403454361

ހަމަލާތަކަަށް މެދުކެނޑުމެއް ނެތް

ތިންވަނަ ދުވަހަށް ކުރިމަތިލީއިރު ކޮންމެ ދުވަހެއް ވެސް ވެފައިވަނީ ބިރުވެރި ދުވަހަކަށެވެ. ހެނދުނެއް މެންދުރެއް ދަންވަރެއް ބެލުމެއް ނެތި އިވޭ އެއާ ރެއިޑް ސައިރަންތަކުގެ އަޑާއެކު މުޅި ގައުމަށް ވެރިވެފައިވަނީ ނާމާން ކަމެވެ.

މީޑިއާތަކުން ހާމަކުރާ ގޮތުގައި ރޭ މެންދަމު 2:00 އާއި 4:00 ދެމެދު ވެރިރަށް ކީވްގައި ބަޑިއާއި މިސައިލް ހަމަލާތަކުގެ އަޑު ކެނޑިނޭޅި އިވެމުން ދިޔަ އެވެ.

ރައީސްގެ ބަސްފުޅު

މި ނުރައްކާތެރި ވަގުތުގައި ރައީސް ވޮލޮދިމީރް ޒެލެންސްކީ އަންނަނީ ސާބިތުކަން ދައްކަވަމުންނެވެ. މިއަދު ހެނދުނު އާއްމު ކުރެއްވި ޓްވީޓެއްގައި ޒެލެންސްކީ ވަނީ ހަތިޔާރު ނުބަހައްޓާނެ ކަމަށާއި ހައްގަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

ޒެލެންސްކީ ވަނީ ޔޫކްރެއިން ދޫކޮށް އެމެރިކާއަށް ގޮސް ރައްކާތެރިކަން ހޯއްދެވުމަށް އެމެރިކާއިން ދިން ފުރުސަތު ވެސް ދޫކޮށްލައްވާފަ އެވެ.

އެތައް ހާސް ބަޔަކު ގެދޮރާ ދުރަށް

ކީވްގައި ހަމަނުޖެހުން ބޮޑުވެ އާއްމު ހާލަތު ގޯސްވުމުން އެ ސަރަހައްދުގެ ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ފަށާފަ އެވެ.

ޔޫކްރެއިންގެ ރެފިއުޖީންނަށް އަވަށްޓެރި ގައުމުތަކުން މަރުހަބާ ކިޔަން ތައްޔާރު ވެފައިވާއިރު މިހާތަނަށް 59،000 އަށްވުރެ ގިނަ މީހުން ވަނީ ޔޫކްރެއިންއިން ފައިބާފަ އެވެ.

ކީވްއިން ނިކުންނަން އޮންނަ މައި މަގު