ގައުމަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވި ނަމަވެސް، މިނިސްޓަރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވަނީ އެކަމަނާ އެއްވެސް ގޮތެއްގައި ސިޔާސީ ކަންކަމަށް ޝައުގުވެރި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، މިނިސްޓަރުގެ މަގާމު ލިބުމުން މަސްއޫލިއްޔަތު އަދާކުރުމާއި ދެކޮޅު ހަދަން ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެހެންމެ، މިނިސްޓަރެއްގެ މަގާމު އަދާކުރުމުގައި އެކި ކަހަލަ ގޮންޖެހުން ތަކާއި ދިމާވެ، އުނދަގޫ ވަގުތުތައް އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"ޖެންޑާ މިނިސްޓަރު ކަމާއި ހަވާލު ނުވެވުނު ނަމައެކޭ، ކޮންމެހެން ހިތަކަށް ނުއެއް އަރާ. އެކަމަކު ވެސް އުނދަގޫ ވަގުތުތައް ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަަށް ވިދާޅުވީ، ސިޔާސީ ކަންކަމުގައި އެކަމަނާ އަބަދުވެސް ވަރަށް "ޑިޕްލޮމެޓިކް" ކަމަށެވެ. އަދި އޭގެ އަސަރު ގާތް މީހުންނަށް ކުރާކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެ އެވެ.

މިނިސްޓަރުގެ ވާހަކަތަކުގެ ތެރެއިން އެކަމަނާ ވަނީ، ދިރިއުޅުމުގައި ކުރާ އެހެނިހެން ކަންކަމަށް ވެސް އަލިއަޅުވާ ލައްވާފަ އެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ކަސްރަތު ކުރުމަށް ޙައްސަ ސަމާލުކަމެއް ދެއްވާކަމަށާއި، އެކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަމަނާ ކުރައްވާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.