ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ބޮޑު ހަރަކާތެއް ބާއްވަންޖެހިދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ގއ. ވިލިނގިލީގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތް އިތުރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މާލެ ސިޓީގައި މިހަރަކާތުގެ ބޮޑު އެވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާތަން ބަލަން ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމަށާއި، މި ހަރަކާތުން ނެރެން ބޭނުންވާ ނަތީޖާއަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ، ހަމައެކަނި ވިލިނގިލީގައި އިންޑިއާ އައުޓް ޖައްސައިގެން ވާކަށް ނެތޭ. މާލެއަށް އަރަން އެބަ ޖެހޭ، މާލޭގައި އިންޑިއާ އައުޓް ޖައްސަން އެބަ ޖެހޭ،" އަދުރޭ ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ ހިންގާ ހަރަކާތް ހަމައެކަނި ރަށްތަކުގައި ހިންގައިގެން ފުއްދައިލެވެން ނެތް ކަމަށެވެ. އެހެންކަމުން މާލޭގައި އެ ހަރަކާތުގެ ބޮޑު އެއްވުމެއް ބޭއްވުމަށް އެ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މާލެއަށް އައުމަށް އިދިކޮޅުން ގޮވައިލުމުން ހުރިހާ ބޭފުޅުންވެސް މާލެއަށް ވަޑައިގަތުމަށް އޭނާ އެދިވަޑައިގަތްފަ އެވެ.

"އަޅުގަނޑުމެން މިހެން ރަށްރަށުގައި ތިބެގެން މިކަން ނިމެން ނެތް. އަޅުގަނޑުމެން މާލެ އަރަން އެބަޖެހޭ. ވެރިރަށުގައި ވަރަށް ގިނަ ނޭނގާނީ ކަންކަން ދަނީ ހިންގަމުން،" ޝުޖާ ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕޭންގެ މަގުސަދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމެވެ. ނަމަވެސް ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިސްވެރިން އަންނަނީ އެ ކެމްޕޭންއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.