ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީ 2020 ވަނަ އަހަރުގަ އެވެ. އެއަށްފަހު މިހާލަތު އެންމެ ފަހުން އިތުރުކުރި މުއްދަތު ވަނީ ހަމަވެފަ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރާ މިއީ 24 ވަނަ ފަހަރެވެ. އަދި މި މުއްދަތު ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން މި މުއްދަތު އިތުރުކޮށްފައިވަނީ، ރާއްޖޭގައި އަދިވެސް ކޮވިޑް ފެނި، ފުޅާ ދާއިރާއެއްގައި ކޮވިޑު ފެތުރުމުގެ ނުރައްކާ އޮތް ކަމަށާއި، އެ ނުރައްކާ ކުޑަކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަފާކުރެވޭތީކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި، ތައުލީމުދޭ މަރުކަޒުތައް ބަންދުކޮށް، ވަކި ތަނަކަށް ވަކި ވަގުތެއްގައި މީހުން އެއްވެ އުޅުން މަނާކުރުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތައް މަނާކުރުމުގެ އިތުރުން ސަބަބު ބަޔާންކޮށް، މީހެއްގެ އިމާރާތެއް ކަރަންޓީނު ކުރުމަށް މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކޮވިޑްގެ އައު ވޭރިއެންޓް ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، މިހާތަނަށް 169،632 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި އޭގެތެރޭގައި 154،246 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.