ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަނިކޮށް ކޮވިޑް ޖެހިގެން މަރުވި ދ. ދ. މާއެނބޫދޫ، ދިލްބަހާރުގެ، އާދަމް ނަސީރު، 60، ގެ މަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށައަޅައިފި އެވެ. މިމައްސަލަ ހުށައެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ.
މެމްބަރު އާމިރު ހުށައެޅުއްވި މައްސަލާގައި އާދަމް ނަސީރު މަރުވެފައިވަނީ އޭނާއަށް ފަރުވާދިނުން ލަސްވެ، ކޮވިޑް-19 އަށް ޓެސްޓު ނުކުރެވި، ރިސޯޓުގެ މެނޭޖްމަންޓުގެ އިހުމާލުންކަމަށް އާއިލާއިން ތުހުމަތުކުރާތީ، ނަސީރަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާފައިވެ އެވެ. އޭނާގެ ބަލިޙާލު ބޮޑުވެ އެކަށީގެންވާ ފަރުވާއެއް ހޯދުމަށް ރިސޯޓުން ފުރައިގެން ދިއުމުގެ ހުއްދައަށް އެދި އާދޭސް ކުރަމުން ދިޔައިރު ވެސް ރިސޯޓުގެ މެނޭޖްމަންޓުން އެކަމަށް އިޖާބަ ނުދީ، އަޅާލުންކުޑަކޮށްފައިވާ ކަމަށާއި މިހާތަނަށް ވެސް ޢާއިލާއަށް އާދަމް ނަސީރުގެ މަރާބެހޭ ތަފްސީލް ރިސޯޓުން ހާމަކޮށްފައިނުވާ ކަމަށް ވެސް މި މައްސަލައަށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވި އެވެ. އަދި މިކަމުގައި ރިސޯޓުގެ އިހުމާލު އޮތްކަމުގެ ހެކިތައް ހުރިކަމަށް ވެސް އާމިރު ވިދާޅުވި އެވެ. އަދި މިއީ އާދަމް ނަސީރުގެ އާއިލާއިން އެދިގެން ހުށައަޅާ މައްސަލައެއްކަން ވެސް މެމްބަރު އާމިރު ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ތަޅުމުގައި މި މައްސަލައަށް އެމްޑީޕީގެ މެމްބަރުންވެސް ވާހަކަދެއްކެވިއެވެ. އެގޮތުން ގިނަ މެމްބަރުންވަނީ މި މައްސަލަ ތަހުގީގު ކުރުމަށް އިދާރާތަކަށް ގޮވާލާފަ އެވެ. އަދި ރިސޯޓުތަކުގައި ތަފާތުކުރުން ގެންގުޅޭ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުންދާ ވާހަކަތައް ކަމަށާއި މިފަދަ ކަންކަން ބަލަންޖެހޭނެ ކަމަށް ވެސް ގިނަ މެމްބަރުން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް މަރުގެ މައްސަލައިގައި ރިސޯޓު އިހުމާލުވާކަމަށް ވާހަކަ ދެއްކެވި ގިނަމެމްބަރުން ދެކެވަޑައިނުގަންނަވަ އެވެ.
ރިޔާސަތުގައި އިންނަވައިގެން މިމައްސަލައިގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ރިސޯޓުން ގޯސްކޮށް ކުރިކަމެއް ސާފުނުވާ ކަމަށް ވިދާޅުވެ އެކަމާ ސުވާލު އުފައްދަވާފަ އެވެ. އަދި ކޮވިޑްޖެހުމުން އަމަލުކުރަންވީގޮތް އެޗްޕީއޭގެ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ރިސޯޓުން އަމަލު ކުރަންޖެހޭނެ ގޮތަކީ އެމީހާ ގެއަށް ދޫކޮށްލުންތޯ ނުވަތަ ސިއްޙީ ފަރުވާދޭ ތަނަކަށް ގެންދިއުންތޯ ރައީސް ނަޝީދު ސުވާލުކުރެއްވި އެވެ. އަދި އެކި ފަހަރުމަތިން މެމްބަރު އާމިރުގެ ވާހަކަފުޅު ހުއްޓުވާ އެކިއެކި ސުވާލުތައް ކުރައްވަމުން ގެންދެވި އެވެ.
އާދަމް ނަސީރު މަރުވި މައްސަލައިގައި ރިސޯޓުގެ އިހުމާލު އޮތްކަމަށް ބުނާ މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ.