މޮސްކޯ (07 މާޗު) - މިހާރު ކުރިއަށްދާ ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ދާޚިލީ މަޝްރަހު ގޯސްވާން ފަށައިފި އެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިންއަށް އަރައި ހަނގުރާމައެއް ފެށިއިރު ރަޝިއާގެ އެތެރޭގެ މަޝްރަހު ވެސް ވަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.

އެގޮތުން މިކަމުގައި ރަޝިއާ ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި ރައީސް ޕުޓިންގެ ސިޔާސަތަށް ތާއީދުކުރާ މީހުންނާއި އެ ސިޔާސަތާ ދެކޮޅު މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ.

މީގެ އިތުރުން ވެސް ހަނގުރާމައާ ދެކޮޅަށް ރަޝިއާގެ އާއްމުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ވެސް އާއްމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި ގިނަ ބަޔަކަށް ދަނީ އަނިޔާ ލިބެމުންނެވެ.

އެގޮތުން ރަޝިއާގެ ސެއިންޓް ޕީޓާސްބާގްގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ފުލުހުން ބާރުގެ ބޭނުންކޮށް ގިނަ ބަޔަކަށް އަނިޔާކުރި ކަމުގެ ރިޕޯޓުތައް ވަނީ އާއްމުވެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މުޒާހަރާގެ ވީޑިއޯތަކުގައި ފުލުހުން އާއްމުންގެ ގައިގައި މުގުރާއި އެހެން އާލާތްތައް ބޭނުންކޮށްގެން ތަޅާ މަންޒަރު ފެނެ އެވެ.

ހަނގުރާމަ ފެށުމާއެކު ރަޝިއާއިން ވަނީ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ އެގައުމުގެ ރައްޔިތުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ބުނެފަ އެވެ. -- ސީއެން އެން