އަންހެނުންނަށް "ކަނބަލުން" ކިޔުމަކީ ހުތުރުކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އަންހެނުން ދުވަހާ ގުޅިގެން މަޖިލީހުގައި އަންހެނުންނަށް ތަހުނިޔާ ވިދާޅުވަމުންނެވެ.

މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އަންހެން ބޭފުޅުންނަށް "ކަނބަލުން" ކިޔައިގެން ވާހަކަދެއްކުމަކީ ވަރަށް ހުތުރު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކަނބަލުންގެ ބަދަލުގައި އަންހެނުންނަށް އަމާޒުކޮށް ބުނާ ބަސްތައް ބުނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"އަންހެނުން އަންހެން ބޭފުޅުން، މިއީ އަޅުގަނޑުމެން އާންމުކޮށް ބޭނުންކުރާ ބަސްތައް އަދިވެސް ބޭނުންކުރަމުން ދިއުމަކީ އަޅުގަނޑު ހިތުން މިއަދު އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ނަޝީދު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައިއިރު ރަށްރަށުގެ ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކަން ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައިވެސް އަންހެނުން އިތުރުވާތަން ދެކެން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައީސް ނަޝީދު ވަނީ މިދުވަސް މާނަވީ ގޮތެއްގައި ފާހަގަކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފަ އެވެ. އަންހެނުންގެ ދުވަހާ ދިމާކޮށް ޖެންޑާ މިނިސްޓްރީން ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އަންހެނުންނަށް މަލާއި ޗޮކްލެޓް އަދި ގޭތެރޭފައި ބޭނުންކުރާ ސާމާނުފަދަ ތަކެތި ހަދިޔާގެ ގޮތުގައި ނުދިނުމަށްވެސް އަންގާފަ އެވެ.