ކޮވިޑް- 19 ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގައި މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައި ވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީ ވެސް މިފަދަ ކަމަކަށް ވެގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ގައުމެއް. އަޅުގަނޑުމެންގެ ރަށްރަށުގައި އުދަ އެރުމާއި، ބޯކޮށް ވިއްސާރަވެ ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ އިތުރުވެފައި. މިފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއިއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަޅާލުމާއި ކުދިން ބެލުމުގެ ޒިންމާ އުފުލަމުންދާ އަންހެނުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ. "މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ ދިގު ދެމިގެންދާ އަސަރުތަކެއް އިޖްތިމާޢި ތަރައްޤީއަށާއި، އިގްތިސާދަށާއި އަދި އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ މައްސަލައެއް."
ޖެންޑާ މިނިސްޓަރު ވިދާޅުވީ އަޅުގަނޑުމެންގެ ދޮންވެލި ބިމާއި، ޖަޒީރާ ރަށްތަކާއި، ނޫ ކަނޑުތަކާއި، ފަޅުތަކާއި، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި އަމާނާތް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ ކަމަށެވެ. އަދި މި ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެ ޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭ. 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ހާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިޝަތު ދީދީ ވިދާޅުވީ 2016 ވަނަ އަހަރު ތަސްދީގުކުރެވުނު ޖެންޑަ އީކުއަލިޓީ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭންއެއް ފާސްކޮށްފައިވާ ކަމަށެވެ.