ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ދަތުރުތައް ހަފުތާއަކު 8 އަށް ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިހާރު ހަފުތާއަކު ހަތަރު ދަތުރުކުރާ އެއިރޯފްލޮޓުން 8 ދަތުރަށް ބަދަލުކުރަން ނިންމާފައި ވަނީ މިމަހުގެ 21ން ފެށިގެން ކަމަށެވެ. މިގޮތުން ކޮންމެ އާދީއްތަ ދުވަހަކު ރާއްޖެއަށް ދެ ދަތުރުކުރާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15ގައި ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާ އިންނެވެ. އެގޮތުން ޖުލައި 15 ން މިމަހުގެ ހަތަރެއްގެ ނިޔަލަށް އެ ގައުމުން އެކަނި 9,519 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި އެއިރޯފްލޮޓުން 5,536 މީހުން އުފުލާފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އެއިރޯފްލޮޓުގެ އިތުރުން ރަޝިއާގެ ރޮސިޔާ އެއާލައިންގެ ދަތުރުތައް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. އެ އެއާލައިނުން ދަތުރުކުރާނީ ވެރިރަށް މޮސްކޯ އިން ހަފުތާއަކު އެއް ދަތުރު އަންނަ މާޗް 27ގެ ނިޔަލަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރޮސިޔާ ދަތުރުކުރާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.