ރާއްޖޭގައި އެއް ޕާޓީއަކަށް ވެރިކަން ހޯދޭވަރުގެ އަޣުލަބިއްޔަތެއް ނުލިބޭ ކަމަށާއި ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަން ފަސް އަހަރަށް ދެމި އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން މިއަދު ހެނދުނު ފޮނުވި "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2008 ވަނަ އަހަރު ވެސް އެމްޑީޕީ ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށެވެ. އަދި އެ ޕާޓީއަކީ އެންމެ ބޮޑު ޕާޓީކަމަށް ވިޔަސް ލިބެނީ ގާތްގަނޑަކަށް 46 ޕަސެންޓްގެ އަޣުލަބިއްޔަތެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ވެރިކަމަށް މިއައީ ކޯލިޝަނަކުން. އެހެންވީމަ މި ކޯލިޝަން ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން މިއީ އެ ޕާޓީގެ ވެރިކަމެއް ކަމަށް ވިދާޅުވާ ކަމަށް ޕްރެޒެންޓަރު ސުވާލު ދެންނެވުމުން ރައީސް ސޯލިހު ވިދާޅުވީ މިއީ އެމްޑީޕީގެ ވެރިކަމަށް ވުރެ ބޮޑަށް މިއީ ރައްޔިތުންގެ ވެރިކަމެކޭ ދެންނެވިދާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް ވެރިކަންކުރަމުން މިދަނީ ކޯލިޝަންގެ ލީޑަރުންނާ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން. އެއީ މަގާމުތަކަށް މީހުން އައްޔަންކުރަން ޖެހުނަސް،" ރައީސް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި ކުރައްވަން ނިންމެވި އެހެން ނަމަވެސް ބޭނުންފުޅުވި ސްޕީޑުގައި ކުރިއަށް ނުގެންދެވި ހުރި ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ޙިޔާނާތުގެ މައްސަލަ ބަލާ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންފުޅުވި ގޮތެއްގައި ކުރިއަށް ނުދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޚާއްސަ ގޮތެއްގައި މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެންޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ކޮމިޝަންތައް ބަދަލު ކުރައްވައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ނުވަ މައްސަލައެއް މުޅިން ނިންމައި ފައިނަލް ރިޕޯޓް އެކުލަވާާލުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް އިތުބާރު ހޯދައިދެއްވުމަށް ގެންނަވަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.