ނިދުމަކީ މީހާގެ ހަށިގަނޑުގެ މަސައްކަތްތަކަށް މެދުކެނޑުމެއް ލިބޭ ކަމަކަށް ވާއިރު ނިދުމުގެ ކުރިން ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އެދެވިގެންވާ ގޮތުގައި ނިދުމުގެ ފައިދާ ހަށިގަނޑަށް ނުލިބެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ނިދުމުގެ ކުރިން ވަކި ބާވަތްތަކެއްގެ ކެއިން ބުއިން ބޭނުން ކުރެވުމެވެ. މި ލިޔުމުގައި މި ބަލާލަނީ ނިދުމުގެ ކުރިން ބޭނުންކޮށްގެން ނުވާނެ ކެއިންބުއިމުގެ ބައެއް ބާވަތްތަކަށެވެ.
ތެލުލި ކާއެއްޗެހި
ފްރެންޗް ފްރައިސް، ޕޮޓޭޓޯ ޗިޕްސް އަދި ބާގާ ފަދަ ތެއްލާފައި ހުންނަ ކާއެއްޗެހީގެ ސަބަބުން ނިދަން އުނދަގޫވެ ނިދުމުގެ ގަޑިތަކަށް ބަދަލު އާދެ އެވެ. އަދި ހަމަ އެހެންމެ ގޭސް ހެދުމާއި ހަޖަމު ކުރުމުގެ މައްސަލަ ތައް ވެސް ކުރިމަތިވުން އެކަށީގެންވެ އެވެ.
ކުޅި ކާއެއްޗެހި
ރޭގަނޑު ކުޅި ކާއެއްޗެހި ކެއުމަކީ ހަޖަމު ކުރުން އުނދަގޫވެ ހަޖަމުގެ މައްސަލަތައް ދިމާވެދާނެ ކަމެކެވެ. ކާ އެއްޗެހި ކުޅިވި ވަރަކަށް ގޮހޮރުގައި ކާތަކެތިން ހަށިގަނޑަށް ލިބެންވާ މާއްދާތައް ލިވްބައިދޭން އުނދަގޫވެ އެވެ.
ޗޮކްލެޓު
ޗޮކްލެޓާއި އެނޫންވެސް ފޮނި ކާތަކެއްޗަކީ ނިދުމުގެ ކުރިން އެއްވެސް ގޮތަަކަށް ކައިގެން ވާނެ ބާވަތްތަކެއް ނޫނެވެ. މިފަދަ ތަކެތީގައި ހިމެނޭ އެމީނޯ އެސިޑްގެ ސަބަބުން ނިދި އައުން ލަސްވާނެތީ އެވެ. އެއާއެކު ފޮނިކާއެއްޗެހި ދަތްތަކުގައި ތާށިވެ ދަތުގެ މައްސަލަތައް ކުރިމަތި ވެދާނެތީ އެވެ.