ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށްމަށްފަހު، އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ އެއްކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާޙައުލެއް ހޯދައިދެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހެންވޭރު އަޑު ޕާކު ސަރަހައްދުގައި އަލަށް ހެދި "ޒިޔާރަތް ޕާކު" ހުޅުވައިދެއްވުމުގެ ގޮތުން މިއަދު ހަވީރު އެތަނުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ޕާކަކީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމަށެވެ.

"މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު އިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން،" ރައީސް ވިދާޅުވި އެވެ.

މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު އިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން،
ރައީސް

ރައީސް ސޯލިހު ވިދާޅުވީ މާލެފަދަ ކުޑަކުޑަ ބިމެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، އާންމު ސިއްހަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ނޭދެވޭ އަސަރު ފޯރާ ކަމެއް ކަމަށެވެ. އެހެންކަމުން މާލޭގައި ހުސްބިންތައް އުފައްދައި، އާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ޢާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން މިއަދު މިތިބީ، ކޯވިޑް-19ގެ ސަބަބުން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި ކަމަށެވެ. އަދި މިފަދަ ޕާކުތަކާއި މައިޒާންތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމުގެ ފުރުސަތެއް މިހާރަކު ނެތް ކަމަށާއި އެހެން ނަމަވެސް، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން، ވީވަރަކުން މިފަދަ ތަންތަނުގެ ބޭނުންހިފުމަކީ، މިހާރުވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ އަދަދު އިތުރުވެފައި. މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

ކޯވިޑް-19ގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ވަނީ ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ އަދަދު އިތުރުވެފައި. މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް، ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ، ހާސްކަމާއި ކަންބޮޑުވުންތަކަށް، ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ،
ރައީސް

އެމަނިކުފާނު ވިދާޅުވީ މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށެވެ. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުމެއްވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ، ވަރަށް އަވަސް ޙައްލެއް. މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ އަމަލީބައި ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ، އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި، އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ރޭވިފައި އެބަހުރި ކަމަށެވެ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައިވެސް، މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕާކަށް ވަދެވަޑައިގަތުމުން އެމަނިކުފާނަށް އިޙްސާސް ކުރެއްވެނީ ވަރަށް އުފާވެރި ބަދަލުތަކެއްގެ އިޙްސާސް ކަމަށެވެ. ޒަމާނީ ޑިމޮކްރެސީގެ ދަށަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ދިޔުމުގެ، އުފާ ފާޅުކުރުމަށް މާލޭގެ ރައްޔިތުން، އެއްވީ އެ ބިމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އާދެ، މިދެންނެވީ، 2008 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދަށް، ކާމިޔާބު ލިބިވަޑައިގަތުމުގެ އުފާ އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔަ ބިމުގެ ވާހަކަ. އެހެންވީމާ، މިއީ އުންމީދާއި ބަދަލުވުމާއި ހިތްހަމަޖެހުމާ ވަރަށް ގުޅިފައި އޮތް ބިމެއް،" ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.