ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވައިފި އެވެ.

ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް އަޅުގަނޑުމެން ތަހައްމަލްކޮށްފި ކަމަށެވެ. އަދި ކޮވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ އާއިލާއެއް ވެސް ރާއްޖޭގައި ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު. ނަތީޖާއަކަށްވީ، ކޯވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިގްތިސޯދީ އަދި އިޖުތިމާއީ ޙަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާނު ކުރަމުން އައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން ޢަމަލުކުރަމުންދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން އާންމު ކުރައްވާނެ."

"އެހެންކަމުން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާނު ކުރަމުން އައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން ޢަމަލުކުރަމުންދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން އާންމު ކުރައްވާނެ."
ރައީސުލްޖުމްހޫރިއްޔާ

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކޮށް، ކޮވިޑުގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއް ވެސް މިހާރުވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ ކަމަށާއި އެ ބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޯވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި. އެހެންކަމުން، ބަލީގެ ޙާލަތު ނުރައްކާތެރިވާފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެނަމަ، އެކަންކަމަށް ރިޢާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން، ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގްތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ހާލަތުގައި ވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެނައިއިރު، މިއަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިގްތިސޯދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ގައުމުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެ ވެސް ހިމެނޭ ކަމަށެވެ. އަދި މިކަމުގެ ހަގީގީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަމައެފަދައިން، އިގްތިސާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި އަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް،" ރައީސް ވިދާޅުވި އެވެ.