ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިނަމަވެސް އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ސިއްހީ ކުއްލި ހާލަތު ނިމުމަކަށް އައިކަން އިއުލާނުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކޯޓުން ޢަމަލުކުރަމުން އައި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު"އަށް ވެސް އަށް އަމަލުކުރުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކާއި ޝަރީއަތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ހަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، އަދުލު އިންސާފަށް ވާސިލުވުމުގެ މަގު ފަހިވެ ހަލުވިކަމާއެކު ޝަރީއަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ.

އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ވެސް އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ނިމުނުއަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަލަތައް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ސުޕްރީމް ކޯޓުން ބުނީ ކޮވީޑްގެ ބަލިމަޑުކަމާއި ގުޅިގެން އެކޯޓުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އީޖާދީ އައު ވަސީލަތްތަކުގެ ބޭނުން ހިފައި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި އެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީއަތްތަކާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ކޯޓުގެ އައު ގަވާއިދު އެކުލަވާލާފައިވާކަމަށެވެ.