ސިނަމާލެ ބްރިޖު ކައިރިއަށް ރޭ އެރި ވެލާ އެޅި ބިސްތައް ފޯސީޒަންސް ކުޑަހުރާއަށް ގެންގޮސްފި އެވެ.
އެ ވެލާ އެޅި 96 ބިސް ކުޑަހުރާގައި ވިއްސުމަށް ޓަކައި ގެންދިޔައީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން)ގެ ބެލުމުގެ ދަށުންނެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް މިއަދު ވިދާޅުވީ މާލެެއަށް އެރި ވެލާ ބިސްތައް އެ ސަރަހަށްދުން ނެގީ އެއީ ރާޅު ޖަހާ ސަރަހައްދަކަށް އެތަން ވުމުން ކަމަށެވެ.
"ވެލާ ބިސް އެޅީ ރާޅު ޖަހާ ސަރަހައްދަކަށް ވާތީ ގުދުރަތީ ގޮތުން އެ ބިސްތައް ފީވުމުގެ ފުރުސަތު އެތަނުގައި ވަރަށް ކުޑަވާނެ. އެހެންވެ ފޯސީޒަނަށް ބިސްތައް ގެންދިޔައީ ރައްކާތެރިކަމާ އެކު ބިސްތައް ފީކުރަން،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ބިސްތަކުންގެ މެމްބްރެއިން އުފެދުމުގެ ކުރިން ބަދަލުކުރުމުން ބިސްތައް ފީވާނެ ކަމަށެވެ. އަދި އެ ބިސްތައް ފޯ ސީޒަން ކުޑަހުރާ ރިސޯޓަށް ގެންދިޔައީ މެމްބްރެއިން އުފެދުމުގެ ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖު ކައިރިއަށް ރޭ އެރި ވެލާ ވަނީ 96 ބިސް އަޅައިފަ އެވެ.
ފޯސީޒަން ކުޑަހުރާ އަކީ ވެލާ ބިސް ފީކުރާ ހާއްސަ ހެޗަރީ ހުންނަ ތަނެކެވެ. އެތަނުގައި އުފަންވާ ވެލާތައް ވަކި ވަރަކަށް ބޮޑު ކުރުމަށްފަހު މޫދަށް ދޫކުރުމަކީ ފޯސީޒަނުން ހިންގާ ޕްރޮގްރާމެކެވެ.
އީޕޭއޭއިން ވިދާޅުވީ އެ ބިސްތައް ގެންދިޔައީ ފޯސީޒަންގެ މެރިން ޑައިވާސް އިން ކަމަށެވެ. އަދި އެ ބިސްތަކުގެ ކަންކަން ބަލަހައްޓަމުންގެންދާނީ އެ ރިސޯޓުން ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ގޮތް އީޕީއޭއަށް ރިޕޯޓް ކުރަމުންގެންދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
މިއީ މި ގޮތަށް ވެލާ ބިސް އެއްތަނުން އަނެއް ތަނަށް ގެންގޮސްގެން ވިއްސުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މިގޮތަށް ކަންތައް ކޮށްފައި އެބަހުއްޓެވެ. ވެލާ ބިސް އާންމުގޮތެއްގައި ދެ މަސްތެރޭގައި ފީވެ، ދަރިމައިވެ އެވެ.
މީގެ ދެ ހަފްތާއެއްހައި ދުވަސް ކުރިން ވެސް ހަމަ އެތަނަށް ވެލައެއް އެރި އެވެ. ނަމަވެސް އެ ވެލާ އެއްގަމަށް އަރައި ތާށިވެފައި އޮތްކަމަށް ބެލެވިގެން ވަނީ މޫދަށް ދޫކޮށްލާފަ އެވެ.
އަނެއްކާ ވެސް މާލެއަށް ވެލާ މިއެރީ ރޭގެ 8:30 ހާއިރު އެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލެ ސަރަޙައްދަށް ފެނުނު އާ ކަމަކަށްވުމުން، ގިނަ ބަޔަކު މި މަންޒަރު ބަލަން އެ ސަރަޙައްދަށް އެއްވި އެވެ. ކުރީ ފަހަރާއި ޚިލާފައި މިފަހަރު ފުލުހުނާއި އީޕީއޭއިން ތިބީ ވެލާގެ ހިމާޔަތުގައި ފޯރިމަރާށެވެ.
އީޕީއޭއިން ބުނީ މިފަހަރު ވެސް މާލެއަށް އަރާފައިވަނީ މީގެ ދެ ހަފްތާ ކުރިން އެރި ބާވަތުގެ ވެލައެއް ކަމަށެވެ. އަދި މިއީ ހަމަ އެވެލެއަށް ވެސް ވުން އެކަށީގެންވާ ކަމަށް އެ އެޖެންސީން ބުންޏެވެ.