މޮސްކޯ (16 މާޗް) - ޔޫކްރެއިންއާއި ރަޝިއާއާ ދެމެދު ކުރިއަށް ދާ ސުލްހައިގެ މަޝްވަރާ ތަކުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް ކުރިއެރުން ލިބެމުންދާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޯވް ވިދާޅުވީ މަޝްވަރާތައް ފަސޭހަ ނޫން ކަމަށާއި ނަމަވެސް ކުރިމަގަށް އުއްމީދު އެބައޮތް ކަމަށެވެ.

އެގޮތުން ދެފަރާތުގެ މަސްލަހަތު ރައްކާތެރި ކުރެވޭނެ ހައްލަކަށް އައުން ވަރަށް ގާތްވެފައި ވާ ކަމަށް ސާޖޭ ވަނީ ވިދާޅުވެފަ އެވެ.

"ފެންނަން ހުރި ސަބަބުތަކަށްޓަކައި މަޝްވަރާތައް އެއްވެސް ހާލެއްގައި ފަސޭހައެއް ނޫން. ނަމަވެސް ދެފަރާތުން އެއްބަސްވާ ހައްލަކަށް އައުމަށް ދަނީ މަސައްކަތް ކުރެވެމުން،" ސާޖޭ ވިދާޅުވި އެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ޔޫކްރެއިންއިން ވެސް ވަނީ އުއްމީދީ ވާހަކަތަކެއް ދައްކާފަ އެވެ. އެގޮތުން އެގައުމުން ވަނީ މަޝްވަރާ ކުރަން ތައްޔާރު ކަމަށާއި ނަމަވެސް އެއްވެސް ހާލެއްގައި ހައްގުތައް ދޫކޮށް ނުލާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި އިރުމަތީ ޔޫކްރެއިންގައި އިއުލާން ކޮށްފައިވާ މިނިވަން ދައުލަތުގެ ރައްޔިތުންގެ ސަލާމަތާއި ހަނގުރާމައިގެ މައިދާނުގައި ތާށިވެފައި ތިބި އާއްމުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރައީސް ވްލަމިދިރް ޕުޓިންގެ އަމުރުގެ ދަށުން ހާއްސަ މިލިޓަރީ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާއިން ޔޫކްރެއިންގައި ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް އުމްރާނީ ގިނަ ގެއްލުން ތަކެއްވެ އެތައްހާސް އާއްމުން ވަނީ މަރުވެފަ އެވެ. – އަލް އަރަބިއްޔާ