ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މީގެ 11 އަހަރު ކުރިން ނަޖާހުއާ އެކު މާލޭގައި ދިރިއުޅެމުންދިޔަ ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ، 2010 ގައި އޭނާގެ ހަށިގަނޑު ފެނުނީ ހަދަމުންދާ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭ، ކުނިވެފައި އޮއްވަ އެވެ. ނަޖާހުގެ މައްޗަށް ކުރީ ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތެވެ.

ދަށު ކޯޓުން ނަޖާހު ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމީ ގަސްދުގައި ޝީރީން މެރިކަން ނަޖާހުގެ މައްޗަށް ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރިކަން އޭނާގެ މައްޗަށް ސާބިތުވާތީ، 12 އަހަރަށް އޭނާ ޖަލަށްލުމަށެވެ. ގަސްދުގައި މީހަކު މެރިކަން ސާބިތުނުވީ ޝީރީންގެ ޕޯސްޓްމޯޓަމެއް ނެތުމާއި އެ ދެ މީހުން އެކުގައި އުޅެމުންދިޔަ ކޮޓަރީގައި ޝީރީން މަރާލި ގޮތެއް އަދި ބޭނުންކުރި ހަތިޔާރެއް ދައުލަތަށް ނުދެއްކޭތީ އެވެ.

ޝީރީންގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ ދެ މީހުން އެކީގައި އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޝީރީން މަރައިލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގެންގޮސް މ. އަންގާގިރި ތެރެއަށް އެއްލާލި ކަމަށް ބުނެ އެވެ.

މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެ މައްސަލައިގައި، ސުޕްރީމް ކޯޓުން ވެސް ނިންމީ ހައި ކޯޓުން ވެސް ނިންމި ގޮތަށް ޝީރީން މަރުވަން މެދުވެރިވި ސަބަބު ހޯދިފައި ނެތުމުން އެއީ ގަސްދު މަރެއް ކަމަށް ނިންމެން ނެތް ކަމަށެވެ. އެކަމަކު ނަޖާހުގެ އަމަލުތަކާއި ހެކިންގެ ބަހުން އެއީ ގަސްދަކާ ނުލައި މީހަކު މެރުން ކަމަށް ނިންމައި، ތައުޒީރީ އަދަބެއްގެ ގޮތުން 12 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔަ ހޯދަން ނަޖާހުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް ލިބިގެންވާ ކަމަށް ހައި ކޯޓުން ކަނޑައެޅި ގަޒިއްޔާއަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ތާއީދުކޮށްފައިވެ އެވެ.

އެކަމަކު ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މެއި، 2015 ގައި ހުކުމްކުރި އެވެ.

ޝީރީންގެ މަރުގެ މައްސަލާގެ މުހިންމު އުސްއަލިތައް

  • ޑިސެމްބަރު، 2009: ޝީރީން ގެއްލިގެން ހޯދަން ފެށުން.
  • ޖެނުއަރީ، 2010: ޝީރީންގެ ހަށިގަނޑު ފެނުން.
  • ޖޫން، 2010: ނަޖާހުގެ މައްޗަށް ދައުވާ އުފުލި.
  • މެއި، 2011: މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޖާހު ޖަލަށްލި.
  • މެއި، 2015: ޝީރީންގެ މަރުގެ ދައުވާއިން ނަޖާހު ސަލާމަތްވި.
  • ޖޫން، 2015: މައްސަލަ އިސްތިއުނާފްކުރި.
  • މާޗް، 2019: ހައި ކޯޓުން އަޑުއެހުންތައް ނިންމާލި.

އެ މައްސަލަ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ހުކުމް ކުރީ މިއަދު އެވެ.

އެ މައްސަލަ ނިމުނީ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވީ ފަނޑިޔާރު ސުއޫދެވެ.