ޅ. ކުރެންދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބާ ދިމާކޮށް އެރަށުގައި 50 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ކުރެންދޫގެ ކައުންސިލް ރައީސް ހޮވާ ބައި- އިލެކްޝަންގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީ ކެނޑިޑޭޓް އަލީ ނަސީމާއި، ޕީޕީއެމް ކެނޑިޑޭޓް އަދި ކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިސްމާއިލް މަދީހެވެ.
ކުރެންދޫގައި ބިން ފުރި، އިތުރަށް ހިއްކުމުގައި ބޮޑެތި ގިންޖެހުންތަކެއްވާއިރު، ކުރެންދޫގެ އިންތިހާބާއި ދިމާކޮށް ފިނޭންސް މިނިސްޓްރީން ވަނީ އެރަށުގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށް އިއުލާން ކޮށްފަ އެވެ.
އިއްޔެ ކުރި މި އިއުލާނުގައި މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.
ފިނޭންސް މިނިސްޓްރީން ބީލަމަށް ހޮވާ ކުންފުންޏަކީ، އަމިއްލައަށް ފްލެޓްތައް ޑިޒައިންކޮށް، އިމާރާތްކުރެވޭ ފަރާތްތަކެވެ.
ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލަ އަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.