ސިންގަޕޫރު (24 މާޗް) - ކޮވިޑް 19އާ ގުޅިގެން ދޮޅު އަހަރަށް ވުރެ ގިނަ ދުވަހު ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު އާއްމު ދަތުރުފަތުރަށް ސިންގަޕޫރު ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް 19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށާއި އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ފުރުމުގެ 48 ގަޑިއިރު ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު އެތެރެ ވެވޭނެ އެވެ.

މި އާ ގަވާއިދުތަކުގެ ދަށުން ވަކި ފްލައިޓްތަކަކުން އެ ގައުމަށް ވަންނަން އޮތް އޮތުން ނިމުމަކަށް އައިސް ހަމަ ކޮންމެ އެއާލައިނަކުން ވެސް އެތެރެ ވެވޭނެ އެވެ.

ވެކްސިނޭޓަޑް ޓްރެވަލް ފްރޭމްވޯކްގެ ނަމުގައި ތައާރަފުކުރި މި ސިޔާސަތަކީ ކުރިން އެގައުމުގައި އޮތް ވެކްސިނޭޓަޑް ޓްރެވަލް ލޭން (ވީޓީއެލް)އާ އަޅާބަލާއިރު ވަރަށް ފުޅާ ސިޔާސަތެކެވެ.

ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނާ މި އާ ގަވާއިދުތަކަކީ ދަތުރު ފަތުރު އިތުރަށް ފަސޭހަވެ ކޮވިޑް ޕެންޑަމިކްގެ ކުރިން އޮތް ހާލަތަށް ދިއުމަށް ހުޅުވޭ މަގެއް ކަމަށެވެ.

ސިންގަޕޫރަކީ ކޮވިޑާ ގުޅިގެން އެންމެ ގިނަ ދުވަސް ވަންދެން ދަތުުރު ފަތުރު ހިފެހެއްޓިފައި އޮތް ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މީގެ ކުރިން ވީޓީއެލްގެ ދަށުން އެގައުމަށް އެތެރެ ވެވުނީ އަވަށްޓެރި މެލޭޝިއާއަށް ނިސްބަތްވާ އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ ދަރިވަރުންނާއި ސިންގަޕޫރުގެ ވިސާ އޮތް މީހުންނަށެވެ.

މި ފިޔަވަޅާއެކު އެގައުމުގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ކުރި އަރާނެ ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް