މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމެވީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ކަމަށާއި އެހެން ނަމަވެސް މިހާރު ހިޔާލު ތަފާތުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީ ދުރުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވީ އޭނާގެ އެފަދަ ވިސްނުމެއް ނެތް ކަމަށާއި އެފަދަ ކަމެއް ކުރަން ނޫޅޭނެ ކަމަށެވެ.

"ރައީސް ނަޝީދު ބާކީ ކުރާކަށް ވެސް، އެކަހެރި ކުރާކަށް ވެސް، ޕާޓީން ބޭރުކުރާކަށް ވެސް، އެއްވެސް ކަހަލަ ނިޔަތެއް އޮވެގެން ނޫން އަޅުގަނޑު މިކަން ފެށީ. އަޅުގަނޑު މިކަން ފެށީ ރައީސް ނަޝީދުގެ ވެސް އެހީތެރިކަމާއެކު، ދެން ހިޔާލު ފަހުން ބަދަލުވީ،" ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީ ނަގާ އެއްލާލެވޭނެ މީހަކު އެ ޕާޓީއަކު ނެތް ކަމަށެވެ.

ޗެއާޕާސަންގެ އިންތިހާބާއެކު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުންގެ މެދުގައި ފެކްޝަން އުފެދި ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ފައްޔާޒު އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުންގެ ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އަދި، އޭނައާ ވާދަކުރައްވާ ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މަޖްލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ގެންދަވަނީ އެކި ރަށްރަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.