ރޯދަ މަލާފަތަކީ ރޯދަމަހަށް ހާއްސަކޮށްގެން ހުރިހާގެ ކިޔުންތެރިންގެ ސުފުރާތައް މުއްސަނދި ކޮށްދިނުމުގެ ބޭނުމުގައި ގެނެސްދޭ ބައެކެވެ. ރޯދަ މަލާފަތުގެ ހާއްސަ ރެސިޕީއެއް ކޮންމެ ދުވަހަކު ވެސް ތިބޭފުޅުންނަށް ގެނެސްދެވޭނެ އެވެ.

މުލަ ރޯދަ ދުވަހު މި ގެނެސްދެނީ ހަދާލަން ފަސޭހަ، ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާނެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 4 އަލުވި ފެނުކައްކާފަ
  • 300 ގ. ޗީޒް (ގާނާފައިހުރި)
  • 2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި
  • 1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)
  • 1 ފިޔާ (ހިމުންކޮށް ކޮށާފައި)
  • 1 ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައިހުރި)
  • 3 ފޮތި ޕާން
  • 3 ޖޯޑު ފުށް
  • 1 ޖޯޑު ފާރޮށި ކުނޑި
  • 1/2 1 ގޯޑު ފެން
  • 2 ޖޯޑު ތެޔޮ

ހަދާނެ ގޮތް:

  1. ބޯތަށްޓަކަށް ފެން އަޅައި ޕާންފޮތިތައް ފޯކުރަން އޭގެ ތެރެއަށް ލާފައި ބަހައްޓާށެވެ.
  2. ދިހަ މިނެޓު ފަހުން ޕާން ފޮތިތަކުން ފެން ފެލާފައި އަލުވި، ޗީޒް، މިރުސް، ކޮތަނބިރި. ފިޔާ، ކެބެޖް އާއެކު ގުޅަ ޖެހޭ ވަރަށް މޮޑެލާށެވެ.
  3. ފެންޖޯޑަކަށް ފުށްކޮޅު އެޅުމަށްފަހު ގިރާލާށެވެ.
  4. ޗީޒް ގުޅަތައް ފުށް އެއްޗަށް ލައި ފޯކޮށްލުމަށްފަހު ބޭރުގައި ފާރޮށި ކުނޑި ހާކާލާށެވެ.
  5. ތަވާގައި ތެޔޫ އުދުމަށްފަހު ހޫނުވުމުން ގުޅަތައް ތަވަޔަށް އަޅައި ތެލުލާށެވެ. މަޑު ރަންކުލައެއް އެރުމުން ތެލުން ނަގާށެވެ.