ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގައި ރަވީނާ ޓަންޑަން ފެނިގެންދާނެ އެވެ. އަދި އޭނާއާ އެކީ އެފިލްމުގެ ބަތަލެއް ކަމުގައިވާ އެކްޓަރު ޔަޝް ވެސް މަސައްކަތް ކޮށްފައިވާއިރު ރަވީނާގެ ދުލުން އޭނާގެ ތައުރީފު ހުއްޓުމެއްނެތި އާދެ އެވެ.

ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ މިފިލްމު ނެރޭ ތާރީހު، މީގެ ކުރިން ކޮވިޑާއި ގުޅިގެން އެތައް ފަހަރަކު ފަސްކޮށްފައިވެ އެވެ.

ނަމަވެސް އަނެއްކާ ވެސް މި ފިލްމު ނެރުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާނު ކޮށްފައިވާއިރު، މި ފިލްމު ދެން ނެރޭނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލާފަ އެވެ.

ނުބައި ރޯލަކުން ރަވީނާ ފެނިގެންދާ މި ފިލްމުގެ ކޯސްޓާ ޔަޝްއާ ގުޅިގެން ރަވީނާ ބުނީ، ޔަޝްއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ޖަވާހިރެއްފަދަ މީހެއް ކަމަށް ރަވީނާ ބުނެފައިވެ އެވެ.

މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.