ރޯދަ މަހު ބާއްވަމުން އަންނަ އިހްޔާ ފޯރަމްތައް މިއަހަރު އަތޮޅު ތެރޭގައި ވެސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރު މާލޭގެ އިތުރުން އިހްޔާ ފޯރަމް އޮންނާނީ އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ރ. އުނގޫފާރުގައި ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގައި އޭޕްރީލް 8 ވަނަ ދުވަހު އިހްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭޕްރީލް 15 ވަނަ ދުވަހު އައްޑޫ ސިޓީގައި އިހްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވާއިރު، ފުވައްމުލަކު ސިޓީގައި އޭޕްރީލް 22 ވަނަ ދުވަހު އަދި ރ. އުނގޫފާރުގައި އޭޕްރީލް 29 ވަނަ ދުވަހު އިހްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި އިހްޔާ ފޯރަމް ބާއްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މާލޭގައި ބާއްވާ މިއަހަރުގެ ރޯދަމަހުގެ އިހްޔާ ފޯރަމް މިރޭ ފަށާނެ އެވެ. އަދި ކޮންމެ އާދިއްތަ، އަދި ބުރާސްފަތި ދުވަހެއްގެ ރޭ 9:30 އިން 10:30 އަށް އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ފޯރަމްގައި ޝައިޚް އިލްޔާސް ހުސައިން އަދި ޝައިޚް ނަސްރުﷲ އަލީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި މިރޭގެ ޖަލްސާ ބާއްވާނީ "ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ" މި މައުޟޫއަށެވެ.