އިންޑިއާއިން 40،000 ޓަނުގެ ޑީސަލްގެ ޝިޕްމަންޓެއް ހޮނިހިރު ދުވަހު ސްރީލަންކާއަށް ފޮނުވުމަށްފަހު، 40،000 ޓަނުގެ ހަނޑޫ ވެސް ފޮނުވަން ނިންމައިފި އެވެ.

ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ސްރީލަންކާގެ އިގުތިސޯދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އެ ގައުމުގައި ތެލުގެ ސްޓޮކް މަދުވުމުން ކޮންމެ ދުވަހަކު 13 ގަޑިއިރަށް ވުރެ ގިނައިރަށް ކަރަންޓް ކަނޑަން ވަނީ ފަށައިފަ އެވެ. މިއީ 1996 ވަނަ އަހަރުގެ ފަހުން މިހާ ގިނައިރަށް ކަރަންޓް ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނި، ސިލޯން އިލެކްޓްރިސިޓީ ބޯޑް (ސީއީބީ)ގެ އޮފިޝަލަކު ވިދާޅުވީ، އިންޑިއާގެ ޑީސަލް ސަޕްލައިގެ ސަބަބުން މިހާރު ކަރަންޓް ކެނޑުމުގެ މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އިއްޔެ ވެސް 8.5 ގަޑިއިރަށް ވުރެ ގިނަ އިރު ކަރަންޓް ކަނޑާލާފައިވެ އެވެ.

އިންޑިއާއިން ލަންކާއަށް ހަމަޖައްސައިދިން 500 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން 40،000 މެޓްރިކް ޓަނުގެ ޑީސަލްގެ ޝިޕްމަންޓެއް މިއަދު ކޮލަމްބޯގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު ވަނީ އެނާޖީ މިނިސްޓަރު އޮނަރަބަލް ގަމިނީ ލޮކުގޭ އާ ހަވާލުކޮށްފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނަރު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ. އަދި މިއީ އެލްއޯސީގެ ދަށުން މިދިޔަ 50 ދުވަހުގެ ތެރޭގައި ލަންކާއަށް ދިން ތެލުގެ ހަތަރު ވަނަ ޝިޕްމަންޓް ކަމަށެވެ. މިގޮތުން މިހާތަނަށް ގާތްގަނޑަކަށް 200،000 ޓަނުގެ ތެޔޮ ސްޕްލައިކޮށްދީފައިވެ އެވެ.

އިންޑިއަން އޮއިލް ކޯޕަރޭޝަން (އައިއޯސީ)ގެ ސްރީލަންކާގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ލިއޯސީއިން ތެޔޮ ޝިޕްމަންޓް ލިބުމާއެކު ކެރަވަލަޕިޓިޔާ ތާމަލް ޕަވާ ޕްލާންޓްގެ އޮޕަރޭޝަންތައް އަލުން ފަށާނެކަން ވެސް ސީއީބީން ބުނެފައިވެ އެވެ.

ލިއޯސީން ވަނީ ތާމަލް ޕްލާންޓަށް 6،000 ޓަނުގެ ޑީސަލް ސަޕްލައިކުރުމަށް ވެސް ނިންމާފައިވެ އެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ ގައުމުތަކުން ޒަރޫރީ ބާވަތްތަކުގެ އިމްޕޯޓަށް ފައިސާ ދެއްކުމަށް ދަތިވެފައި ވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފޮރިން އެކްސްޗޭންޖް ރިޒާވް 70 ޕަސެންޓް ދަށަށް ދިޔުމުގެ ސަބަބުންނެވެ. އެއާއެކު އެ ގައުމުގެ ފައިސާގެ އަގު ދަށްވެ، ދުނިޔޭގެ ލޯނު ދޭ ފަރާތްތަކުގެ އެހީ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން ވަނީ ހަނޑޫ ޝިޕްމަންޓް ލަންކާގައި ފާހަގަކުރާ މުހިންމު ފެސްޓިވަލެއްގެ ކުރިން ވެސް ލިބޭނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަނޑޫ އެކްސްޕޯޓަރު، އިންޑިއާއިން މިދިޔަ މަހު ވަނީ ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ބާވަތްތަކުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާތީ ލުޔެއް ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމަށް އެއްބަސްވެފަ އެވެ.

އިންޑިއާއިން މިފަހަރު މި ފޮނުވާ ހަނޑޫ ޝިޕްމަންޓްގެ ސަބަބުން ލަންކާގެ ހަނޑޫ އަގު ހެޔޮކުރުމަށް އެހީތެރިވެވިދާނެ ކަމަށެވެ. އެ ގައުމުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަނޑުލުގެ އަގު ދެގުނަ އަށް އިތުރުވެ، އާއްމުން ދަނީ މުޒާހަރާކުރަމުންނެވެ.