މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އަދާލަތު ޕާޓީގެ މެމްބަރަކު ހޮވައިފި އެވެ.

އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ ރައީސާއަކަށް ހޮވާފައިވަނީ މިއަދު ރައީސާއަކު ހޮވުމަށްޓަކައި އެމްޑީޕީން ތްރީ ލައިން ވިޕް ނެރެފައިވަނިކޮށެވެ.

އެމްޑީޕީން ތްރީލައިން ވިޕް އަޅާފައިވަނީ އެޕާޓީގެ މެމްބަރު ރަޝީދާ ރަޝާދު ހޮވުމަށެވެ. ނަމަވެސް މިއަދު ރައީސާއަކު ހޮވުމަށް ވޯޓުނެގިއިރު އޭނާއަށް ލިބުނީ 6 ވޯޓެވެ. އަދާލަތު ޕާޓީގެ މެމްބަރަށް 9 ވޯޓު ލިބުނެވެ. ބާތިލް ވޯޓު 1 ކެވެ.

މާލޭ ސިޓީ ކައުންސިލްގެ ރައީސާ ހޮވުމަށް ވޯޓު މި ނެގީ ކުރިން ރައީސާކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ޝިފާ ރައީސާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޝިފާ އިސްތިއުފާ ދެއްވާފައިވަނީ އަންހެނުންގެ ކޮމިޓީގެ މަސައްކަތްތައް ނުކުރެވޭ ކަމަށް ބުނެ، ގިނަބައެއްގެ ޝަކުވާތައް ކުރިމަތިވަމުންދާތީ އެކަމާ ގުޅިގެން އޭނާ އިސްތިއުފާ ނުދީފިނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ނިންމާފައިވަނިކޮށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ޝިފާ އެކަން ދޮގުކުރެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ޝިފާ މިއަދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތުމުން ކަމަށެވެ.

ޝިޕާއަކީ ވެސް އެމްޑީޕީގެ މެމްބަރެކެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެޖޯރިޓީއަކީ އެމްޑީޕީ އެވެ. އެ ކޮމިޓީގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ދެން ހިމެނެނީ ޕީޕީއެމްގެ މެމްބަރަކާ އަދާލަތު ޕާޓީގެ މެމްބަރެކެވެ.

މިއަދު ރައީސާ ހޮވުމަށް ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމުން ކޮމިޓީގެ ތެރޭގައި މައްސަލަ ހޫނުވެފައިވާ ކަމަށްވެ އެވެ. އަދި ޕާޓީން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެ އެވެ.