ވަޒީރުކަން ލިބިވަޑައިގެންނެވީ ވަކި ބޭފުޅެއްގެ އަންބަކަށް ވެގެން ނޫން ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިއާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާއަށް ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ ދިވެހި ރާއްޖޭގެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،" އޭނާ ވިދާޅުވި އެވެ.

ނަހުލާ މިހެން ވިދާޅުވި ނަމަވެސް އެކަމަނާއަށް ވަޒީރުކަން ދެއްވުން އެދި އެކަމަނާގެ ނަންފުޅު ޖުމްހޫރީ ޕާޓީން ރައީސް ސޯލިހަށް ހުށައެޅުއްވީ ގާސިމެވެ. އަދި އިންތިހާބުން ރައީސް ސޯލިހް ކާމިޔާބު ހޯއްދެވުމާއެކު ވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އަމިއްލަފުޅަށް ފާޅު ކުރެއްވި ކަމަށް އެ މައުލޫމާތު ރަނގަޅަށް އެނގި ވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ސަރުކާރުގައި ޖޭޕީއަށް މިހާރު ހަމަހަމަ ފުރުސަތުތައް ލިބޭތޯ އާންމުންގެ މީހަކު ސުވާލު ކުރުމުން ނަހުލާ ވިދާޅުވީ، ލިބެން ޖެހޭ ބައެއް ފުރުސަތުތައް ނުލިބި ލަސްވެފައިވާ ކަމަށެވެ. އަދި ޖޭޕީއަށް ނުލިބި ވެސް ބައެއް ފުރުސަތުތައް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ގޮތަށް މެދުވެރިވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހާލަތާ ގުޅިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.