ގަވާއިދާ ޚިލާފަށް ހިންގަމުންދާ ސިއްހީ ހިދުމަތްދޭ ތަންނުގެ ހުއްދަ ހެލްތު މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ސިއްހި ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ތަންތަން ހިންގުމާބެހޭ ގަވާއިދު އިސްލާހުކޮށް 2021 ވަނަ އަހަރު މާޗް މަހު އަމަލުކުރަން ފެށުމާއެކު، ޚިދުމަތްދޭ ތަންތަން ގާނޫނުގެ ދަށުން ރީ- ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އަންގާފައިވާ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން އެންގުމުން ވެސް ރީ-ރަ ޖިސްޓްރީވެ ލައިސަންސް ހޯދުމަށް ހުށަނާޅާ ސިއްހީ ފަރުވާދޭ ތަންތަން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ގާނޫނާއި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހިންގުމަކީ މަނާކަމެއް ކަމަށް ވާތީ، ރަޖިސްޓްރޭޝަނަށް ހުށަނާޅާ ހުރި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހުއްދަ އިއްޔެއިން ފެށިގެން ބާތިލުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެކީ ކޮންތަނެއް ކަމެއް ހެލްތު މިނިސްޓްރީން ނުބުނެ އެވެ.

އެ ގާނޫނު ބުނާގޮތުން ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދެވޭނީ، އެ ތަނެއް ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ފަހު އެވެ.

ސިއްހި ހިދުމަތްދޭ ތަންތަނަށް ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ލައިސަންސް މުއްދަތު ހަމަވުމުން ހަ މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި، އަލުން ލައިސަންސް އާކޮށްގެން ނޫނީ ޚިދުމަތެއް ނުދެވޭނެ އެވެ. އަދި މިގޮތަށް ލައިސަންސް އާނުކޮށް ނުވަތަ ބާތިލްވެފައިވަނިކޮށް ސިއްހީ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށާއި އެކަމުގައި ހަރުކަށި ފިޔަވަޅު އަޅާނެކަން ގާނޫނުގައި ބުނެފައިވެ އެވެ. އެފަދަ ކުށަކަށް އަރައިގެންފިނަމަ ސިއްހީ ހިދުމަތްދޭ ތަނުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި، 50،000 ރުފިޔާއާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ. އަދި ތިން މަހާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމް ވެސް، ކުށުގެ އަދަބުތަކުގެ ތެރޭގައި ހިމެނެއެވެ.