ފުލޫ ކުލިނިކްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވޭތުވެދިޔަ ދެ ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދުގެ ކްލަސްޓާއަކާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވި އިރު، ބަލިޖެހޭ މީހުންގެ އަދަދު މަތިވަމުން އަންނަ ކަމަށެވެ. އަދި މިދިޔަ މަހުގެ 14 ވަނަ ދުވަހު ފެށުނު ހަފްތާއާއި 21 އޮކްޓޫބަރުން 27 އާ ދެމެދު ފްލޫ ކުލިންކްތަކަށް ދައްކާ މީހުންގެ އަދަދު މަދުވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ބަލީގެ އަލާމާތްތައް ހުރެގެން ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އިތުރު ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މިގޮތުން ތަފާސް ހިސާބަށް ބަލާއިރު، މީގެ ދެ ހަފުތާ ކުރިން ފުލޫ ކްލިނިކް އިން ޕޮޒިޓިވް ވެފައި ވަނީ ހަ ޕަސެންޓް ސާމްޕްލެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ހަފްތާގައި ފްލޫ ކްލިނިކުން ނެގުނު 465 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލްވަނީ ޕޮސިޓިވްވެފައި ވާއިރު އެއީ ސާމްޕަލްތަކުގެ ހަތް ޕަސެންޓެވެ.
ނަޒްލާ ވިދާޅުވީ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް ފްލޫ ކުލިނިކްތަކުން ޕޮޒިޓިވްވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ އަދި މިހާރު ދެމުންދާ ލުއިތަކާއެކު ވެސް ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބަލި ޖެހޭ މިންވަރު ފާއިތުވި ދެތިން ހަފްތާގައި ދަށްވި ނަމަވެސް، އިއްޔެ އާއި މިއަދު ވަނީ ކޭސްތައް 30 އިން މައްޗަށް ގޮސްފަ އެވެ. މިއަދު ވެސް ވަނީ 50 މީހުން ޕޮޒިޓިވްވެފަ އެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅާފައިވާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތައް ތަންތަން ހިންގަމުންދޭތޯ ބެލުމަށް އެޗްޕީއޭއިން އިންސްޕެކްޝަނެއް ކުރިއަށް ގެންދެ އެވެ. މިގޮތުން މި އިންސްޕެކްޝަންގައި ސަރުކާރުގެ 133 އޮފީހަކާއި 42 ޕްރައިވެޓް އޮފީސް އަދި 20 ސްކޫލް ނުވަތަ ކޮލެޖާއި 35 މެޑިކަލް ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ވަނީ ކޮށްފަ އެވެ.