މި ރަމަޟަން މަހުގެ 11 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި ރާއްޖެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު 19523 މީހަކު ޒަކާތް ދައްކާފައިވެ އެވެ. އަދި ޒަކާތުގެ ގޮތުގައި މުޅިއަކު 878،646.00 ރުފިޔާ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ޒަކާތް ދެއްކި މީހުންގެ ތެރޭގައި އެ މިނިސްޓްރީގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވަނީ 4956 މީހުން ކަމަށެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފާއިތުވި ރަމަޟާން މަހު، މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 899،031.00 ލިބިފައިވާއިރު 1441 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 1،942،201.00 ރުފިޔާ ކަމަށެވެ. އަދި މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 20،863 މީހުން ޒަކާތް ދައްކާފައިވާއިރު މީގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. މި މުއްދަތުގައި 3005 މީހުން ޒަކާތްދައްކާފައި ވަނީ މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ.

ރާއްޖޭގައި މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމައަށެވެ.

ފިތުރު ފައިސާއަކީ އެ ރަށަކަށް ލިބޭ ފައިސާ އެ ރަށެއްގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންނަށް އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ ފައިސާއެކެވެ.

އެގޮތުން އެ ރަށަކުން ލިބުނު ފައިސާ އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ ފަގީރުންނާއި މިސްކީނުންނަށް ބަހާއިރު މާލެ އަދި އަތޮޅު ތެރޭގެ އެކި ރަށްތަކުގައި ބޮލަކަށް ޖެހޭ އަދަދު ތަފާތުވާނެ އެވެ.

އެ މިނިސްޓްރީން ޒަކާތްބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 1:00 އާ ހަމައަށެވެ.

ޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ 28 ވަނަ ދުވަސް (29 އެޕްރީލް) އާއިހަމައަށް ފިތުރު ޒަކާތްދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ. އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާން މަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ކުރިއަށް ދާނެ އެވެ.

ފިތުރު ޒަކާތް ބަހާނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިރު ޒަކާތް ދޭނީ ފަގީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ހިމެނެނީ 8،984 މީހުންނެވެ. ފަގީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މި ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7،778 މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުގެ (ޒަކާތް ދެއްކުން) ކެޓަގަރީ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ޕޯޓަލްތަކަށް ވަދެވޭނެ އެވެ.