ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިއަދު ހުށައަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިމައްސަލަ ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިތުރު ނުވަ މެމްބަރަކު ސޮއިކުރައްވަ އެވެ.

މަޖިލީހަށް މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، މެމްބަރުން ސޮއިކޮށް ހުށައެޅި ސަބަބުތައް ކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވުމާއި، އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ގާނޫނުން ހެދުމަށް ލާޒިމްކުރާ ގަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި، އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމަށް ވެސް ބުނެފައިވެ އެވެ.

އެ ގަރާރުގައި ބުނެފައި އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ، މަލީހް މަގާމުގައި އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމެއް ނޫންކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ގިނަ ރައްޔިތުންތަކެއް މިނިސްޓަރު މަލީހު މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަގާމުން މަލީހު ވަކިކުރެއްވުމަށް ހުށައެޅީކަމުގައި އެލިޔުމުގައި ބުނެފައިވެ އެވެ.

މިނިސްޓަރު މަލީހު އިތުބާރުނެތްކަމުގެ ވޯޓު މަޖިލީޙުގައި ނަގައި މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހެޅިއިރު، މަލީހު ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާޜު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

އެމްޑީޕީން މީގެ ކުރިން ވެސް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ވަނީ ވަކި ހިސާބަކުން ހުއްޓިފަ އެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ މަޖިލީހުން އަދި ކުރިޔަށް ނުގެންދެ އެވެ.