ކޮވިޑް ޖެހިގެން އިތުރު މީހަކު ރޭ މަރުވެއްޖެ އެވެ.

މިއީ މިބަލީގައި ޖެހިޖެހިގެން މީހަކު މަރުވި ތިންވަނަ ދުވަހެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ރޭ 11:32 ގައި މަރުވީ 52 އަހަރުގެ ދިވެއްސަކު ކަމަށެވެ. މިއީ ބަލީގައި މަރުވި 44 ވަނަ މީހާ އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޮވިޑްގައި މަރުވާ މީހުންގެ އަދަދަކީ ސީދާ މުޖުތަމައުގައި ބަލީގެ ޙާލަތު އޮތް މިންވަރު ދައްކައިދޭކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑްގައި މަރުވާ ގިނަ މީހުންނަކީ، ވަރަށް ގިނަ ދުވަހު އެޑްމިޓްކޮށް ފަރުވާދެމުންދާ މީހުންކަމަށާއި އަދި މަރުވާ ގިނަ މީހުންނަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މިއަދު [އިއްޔެ] ނިޔާވި މީހާކީ، ހޮސްޕިޓަލްގައި ގާތްގަނޑަކަށް 23 އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ނިޔާވި މީހެއް. ވަރަށް ގިނަ ދުވަސްފަހުން ގިނަ މަރު އަންނަނީ. އެހެންދެންނެވިއަސް ބައެއް މަރު ހުރޭ ހަފްތާއެއްގެ ތެރޭގައިވެސް ނޫނީ އެއަށްވުރެ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް،" ޑރ ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯވިޑް-19 ބައްޔަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ވަރަށް ބޮޑު އަސަރެއްކުރުވާ ބައްޔެއް ކަމަށާއި، މާބޮޑު އަލާމާތެއް ނެތި ފަސޭހައިން ބަލިން ރަނގަޅުވި މީހުން ވެސް ބައެއް ގުނަވަންތަކަށް ފަހުން އުނދަގޫތައް ހުންނަކަން ފަހުގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން މިއީ ނުރައްކާތެރި ބައްޔެއް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.