އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ މިންވަރަށް އާމްދަނީ ނުލިބޭ ކަމަށާއި އެ ބަޖެޓަކީ އެއްވެސް އާރެއް ބާރެއް ނެތް، "ޅޮސް ލަކުޑިގަނޑެއް" ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ބަޖެޓް ބަހުސްގައި މެމްބަރުން ދައްކަވާ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އެކިފަހަރު މަތިން ދެއްކެވި ވާހަކަފުޅުގައި ބަޖެޓާ އެއްކޮޅަށް ވާހަކަދައްކަވާ ބޭފުޅުން "ޅޮހޭ ރަނގަޅީ" ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" އެއީ ބޮޑުފެންވަޅުގޭ ސީދީ ހެއްދެވި މަޝްހޫރު ޅެމެއްގެ ތަންކޮޅެކެވެ.

އަޅުގަނޑު ދަންނަވާލަން އޮތީ ރާއްޖޭގައި ނެތް މޮޔަ އެކަކު ވެސް. މި ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދިގެން އައިސް އެކަންކަން ކުރެވިދާނެ ކަމަކަށް މި ރާއްޖޭގެ މީހުނެއް ގަބޫލެއް ނުކުރާނެ،
ނަޝީދު

"އަޅުގަނޑު ދަންނަވާލަން އޮތީ ރާއްޖޭގައި ނެތް މޮޔަ އެކަކު ވެސް. މި ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދިގެން އައިސް އެކަންކަން ކުރެވިދާނެ ކަމަކަށް މި ރާއްޖޭގެ މީހުނެއް ގަބޫލެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ދެއްވާފައިވާ ލަފައާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދެއްވާފައިވާ ލަފައަކީ މުހިއްމު ލަފައެއް ކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުންގެ ބަހުސްތަކުގައި އެ ކަންކަމަށް ރިއާޔަތް ކުރައްވަން ޖެހޭ ކަމަށެވެ.

"ބަޖެޓާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލަފާ ބަޖެޓް ކޮމިޓީ އަށް މިހާރު ވަނީ ފޮނުއްވާފައި އަޅުގަނޑަށް ޔަގީން ކަށަވަރު. ބަޖެޓް ކޮމިޓީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މި ލަފާ ހަގީގަތުގައި ކިއުއްވާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން ވަގުތު ހޯއްދަަވައިގެން ފަންސޫރެއް އަތަށް ނަންގަވައިގެން މި [ލަފާ ކިއުއްވަން]،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސް ކުރެއްވުމަށް އިރުކޮޅެއް ވަން ދެން އެއްވެސް މެންބަރަކު ފުރުސަތަކަށް އެދިވަޑައިނުގެން ތިއްބެވި އެވެ. އެވަގުތު ކޮޅުގައި ރައީސް ނަޝީދު ވަނީ ބަޖެޓާ މެދު އޭނާގެ ޝުއޫރު ފާޅުކުރައްވައިފަ އެވެ. އަދި "ޅޮހޭ ރަނގަޅީގައި ތިއްބަވާ ނަމަ" ބަހުސް ނިންމަލެވިދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން މަޖިލީހުގެ މެމްބަރުން ވަނީ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފަ އެވެ.

ރައީސް ނަޝީދު ނިންމަވާފައިވަނީ މިއަދު ހަވީރު 5:00 ޖަހަން ދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. އާންމު ގޮތެއްގައި މެންދުރު ފަހު 2:00 އަށް ޖަލްސާ ނިންމާލަ އެވެ. ބަޖެޓް ބަހުސް ނުނިމޭނަމަ އަންނަ ބުދަ ދުވަހު މެންދަމަށް ބަހުސް ގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ބަޖެޓުގައިވާ ކަަންތައްތަކަށް ފައިސާ ހޯދޭނެ ކަމަށް މީހުން ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެ ނަޝީދު ވާހަކަފުޅު ދެއްކެވީ ބަޖެޓްގައި ޖަހާފައިވާ ބޮޑެތި ގިނަ މަޝްރޫއުތަކަށް މިހާރު ވެސް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މިނިސްޓަރު އަމީރަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ، ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމެވެ. އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު އޮތީ ހަމަޖެހިފަ އެވެ.