ސަރުކާރުން ވެފައިވާ ވައުދުތައް ނުފުދިފައިވަނީ ގާތް މީހުންނަށް ބައި އަޅަން ހަދައިގެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބާ ދިމާކޮށް އެޕާޓީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ދެމުން އަންނައިރު ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕު ތެރޭގައި ވެސް މިހަފްތާގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއްދީފަ އެވެ. އެގޮތުން އައްޑޫގައި މަސް ފެކްޓްރީ އެޅުން ލަސްވަނީ ސަރުކާރުގެ ސަބަބުން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާ ގުޅިގެންނެވެ.

އައްޑޫގެ މަސް ފެކްޓްރީ އެޅުމަށް ހަވާލުކޮށްފައިވަނީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަދި މަޖިލީހުގެ ނައިބު ރައީސް އީވާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ)ގެ "ރިޔަން" ކުންފުންޏަށެވެ.

މި ވާހަކަތަކާއެކު ވަޓްސް އެޕް ގުރޫޕްތެރޭ ހޫނުވެ މެމްބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ހިނގާފަ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނާއިބު ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ފޮނުވި މެސެޖެއްގައި ވިދާޅުވީ މަސް ފެކްޓްރީ ލަސްވާ ވާހަކަ ދައްކަވަން އިލްޔާސް ލަދުގަންނަން ޖެހޭނެ ކަމަށާއި، އެ މަސައްކަތް ލަސްވަނީ އެކަން ނުކުރެވޭ ވަރުގެ ބަޔަކާ ހަވާލު ކުރުމުން ކަމަށެވެ.

އަނދުން ހުސައިން ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވާ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ތާއީދު ކުރައްވާފަ އެވެ. އަދި ނިހާދު ވިދާޅުވީ ރިޔަން ކުންފުންޏާ ހަވާލުކޮށްފައި އޮތް އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ހެދުން ވެސް ފޮނުވާލީ ޖައްވަށް ކަމަށެވެ.

މި ދެ މެންބަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ "ގާތް މީހުންނަށް ބައި އަޅަން ހަދައިގެން މިތިބީ ބޮޑި ބޮވިފައި" ކަމަށެވެ.

އެ މެސެޖުގެ ރައްދުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އީވާގެ ފިރިކަލުންގެ ކުންފުންޏަށް މަސް ފެކްޓްރީ ޕްރޮޖެކްޓް ހަވާލުކުރީ އިލްޔާސްގެ އެދުމަކަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅު ރަނގަޅު ކަމަށް ނިހާދު ވިދާޅުވި އެވެ.

ނިހާދުގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވިދާޅުވީ ނިހާދު އެކަމަށް ރައްދުދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

"ނިހާދު، އަޅުގަނޑު ގާތުގައި ފާޑުފާޑުގެ ވާހަކަ ތިޔަ ދައްކަވަނީ މިކަން [އައްޑޫ މަސްފެކްޓްރީތައް ހެދުން] ވީގޮތް އޮޅިގެނެއް ނޫޅެން. ނިހާދުއަކަށް ނުޖެހޭނެ އަޅުގަނޑަށް ރައްދު ދޭކަށް،" ކޯފާ އިސްކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް ވެސް ރައްދުގައި ވަނީ، އަބުރާއި އިއްޒަތް އޮތް ހަމައެކަނި ބަޔަކީ މާލެ އާއި މާލެ ކައިރި ރަށްރަށުގެ ބޮޑުންތޯ ސުވާލު ކުރައްވައި މެސެޖެއް ފޮނުއްވާފަ އެވެ.