އަންނަ އަހަރުގެ ބަޖެޓަކީ "ކޮސްމެޓިކް" ބަޖެޓެއް ކަމަށާއި އަދި ބަޖެޓުގެ ހަރަދުތައް ދެކޮޅުޖެއްސުމަށް ކުންފުނިތަކުގެ ހިއްސާ ނީލަންކިއުން ކުށްވެރިކުރައްވާ ކަމަށް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަޙްމަދު މެދުވެރިކުރައްވައި ދެއްވި މެސެޖެއްގަ އެވެ. ރައީސް ޔާމީންގެ އަރިހަށް މާފުށީ ޖަލަށް ވަޑައިގަތުމަށްފަހު، ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ބައްދަލުކުރެއްވުމުން ޝަރީއަތްކުރުމުގެ ބާރުގެ ތެރެއަށް މި ސަރުކާރުން ނުފޫޒުފޯރުވާ ފޯރުވުން އެމަނިކުފާނު ކުށްވެރިކުރެއްވި ކަމަށެވެ.

"މިއަދު ރައީސް ޔާމީނާ ބައްދަލުވިއިރު، މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމާއި ޕްރައިވެޓައިޒޭޝަންގެ ނަމުގައި ކުންފުނިތައް ނީލަންކިއުން އަދި ކޮސްމެޓިކް ބަޖެޓް ކުށްވެރިކުރެއްވި،" ޑރ. ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޕީޕީއެމަށް ރައީސް ޔާމީނު ދެއްވި ޚާއްސަ މެސެޖު ވެސް ޑރ.ޖަމީލު ވަނީ ރައްދުކުރައްވާފަ އެވެ. ރައީސް ޔާމީން ޕީޕީއެމް ކިބައިން އެދިވަޑައިގެންފަިއވަނީ ރައްޔިތުން އެދޭ ބަދަލު ގެނެސްދިނުމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ތަރައްގީ ގެނެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމުގައި ޑރ. ޖަމީލް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 15 ބިލިއަން ރުފިޔާއަށް އަރާއިރު އެ ޑެފިސިޓު ފައިނޭންސްކުރުމުގެ ގޮތުން ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ހޯދަން ބަޖެޓުގައި ހިމަނާފައިވެ އެވެ.