ނިމިދިޔަ 24 ގަޑިއިުގެ ތެރޭގައި ނެގި 1075 ސާމްޕަލުން ކޮވިޑަށް ޕޮޒިޓިވްވީ 41 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހީންނާއި 11 ބިދޭސީންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 35 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 12،355އަށް އަރާފަ އެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،388 އެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 915 އެވެ. މި ބަލީގައި މިހާތަނަށް 45 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދުގެ އަދަދުތައް މަދުނަމަވެސް އިއްޔެ އަދަދުތައް ހުރީ 100 އިން މަތީގަ އެވެ.

އިއްޔެގެ ކޭސްތައް ގިނަވީ ރަށްފަޅު ހުރާ (ހަދަމުން އަންނަ ރިސޯޓެއް) އިން 21 ކޭސް، ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް އާއި ރަންވޭ ބޮޑު ކުރުމުގެ ޕްރޮޖެކްޓްގައި މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ އިން 22 ކޭސް، ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީ އިން 16 ކޭސް، އެމްއޭސީ އެލްކާގޯ ޑިޕާޓްމަންޓް އިން 10 ކޭސް ފެނުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ކޮވިޑް އަދަދުތައް ދަށްވާން ފެށުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ކޮންމެވެސް ވަރެއްގެ ލިޔެއް ވަނީ ދީފަ އެވެ. ޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑާ މެދު މިހާރު އާންމުން ދެކެނީ ލުއިކޮށް ކަމަށާއި އެހެން އެކަންވާނަމަ އަނެއްކާވެސް ހާލަތު ގޯސް ވެދާނެ ކަމަށެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.