ހުރިހާ ވަޒީރުން ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވަން ރައީސް ސޯލިހު އެންގެވުމާއެކު، ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާއަށް ތާއީދު ކުރައްވާކަން އެޑިކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވެސް ސޯޝަލް މީޑިއާގައި ހާމަކުރައްވައިފި އެވެ.
ފައްޔާއަށް ތާއީދުކުރައްވާކަން ހާމަކޮށް ސޯޝަލް މީޑިއާގައި އައިސްތުވަނީ ފައްޔާއާއެކު ފައްޔާގެ ކެންޑިޑޭޓް ނަމްބަރު ރަމްޒުކޮށްދޭ ގޮތަށް ފޮޓޯއެއް ނަންގަވާ އާއްމުކުރައްވާފަ އެވެ. މިއީ މިއަދު ފައްޔާއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި ދެވަނަ ވަޒީރެވެ.
ދެން މިއަދު ފައްޔާއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ އެވެ.
ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި މުޅި މަޖިލީހުގެ ވެސް ގާތްގަނޑަކަށް ތާއީދު އޮތީ ފައްޔާޒަށެވެ. އެގޮތުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު, ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވަ އެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކާއި، ބޯޑުތަކުގައި ތިއްބެވި އެމްޑީޕީގެ އިސްބޭފުޅުންނަށް ވެސް ފައްޔާއަށް ތާއީދުކުރުމަށް ރައީސް ސޯލިހު މިހާރު އަންގަވާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެ އެވެ.