ކޮލަމްބޯ (10 މެއި) - ސްރީލަންކާގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް މިގޮތުގައި ކުރިއަށްދާނަމަ އަސްކަރީ ވެރިކަމެއް ފެށިދާނެކަމުގެ އިންޒާރު އެ ގައުމުގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ކުމަރަތުންގަ ދެއްވައިފި އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ޗަންދްރިކަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންސާފު ހޯދުމަށާއި ޑިމޮކްޓެރިކް ސަރުކާރެއް ގާއިމުކުރަން ކުރާ މަސައްކަތުގައި ސުލްހަވެރިކަން އިސްކުރަން ޖެހޭ ކަމަށެވެ.

ސުލްހަވެރިކަން އިސްނުކޮށްފިނަމަ އެކަން ވެގެންދާނީ އަސްކަރީ ވެރިކަމެއް ގާއިމުކުރަން ދެއްކޭނެ ބަހަނާއަކަށް ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް އެކަމަނާ ވިދާޅުވި އެވެ.

"ސަރުކާރު ޒިންމާދާރު ކުރުވަން ކުރާ މަސައްކަތުގައި ސުލްހަވެރިކަން އިސްކުރަން ޖެހޭ. އެހެން ނޫންނަމަ އަސްކަރީ ވެރިކަމަކަށް މަގުފަހި ވެދާނެ،" ޗަންދްރިކާ ވިދާޅުވި އެވެ.

ހަމައެއާއެކު އެކަމަނާ ވަނީ މި މަސައްކަތުގައި ހަރުދަނާ އުކުޅުތައް ގެންގުޅުމަށް އާއްމުންނަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

ޗަންދްރިކާ ބަންޑާރަނައިކެއަކީ ސްރީލަންކާގައި 1994 ން 2005 އަށް ރައީސްކަން ކުރެއްވި އެގައުމުގެ ފަސްވަނަ ރައީސެވެ. -- ނިއުސް ވަޔާ