ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު ބަދަލުކޮށް، ރައީސް މުހައްމަދު ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ރައީސް ނަޝީދު ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން، ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވަމުންދާތީ، ކަމުގެ ހަގީގަތް އޮޅުވާލައި ހިންގަން ވިސްނާފައިވާ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި ރައީސް ނަޝީދު ދެއްކި ވާހަކަތަކުގައި، ޗައިނާ ފަދަ ރާއްޖެއާ އެކުވެރި ގައުމުތަކަށް އަނެއްކާ ވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާ، ސާބިތުނުހިފޭ ވާހަކަތައް ދައްކާފައިވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

"ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިގްތިސާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވަމުންދާއިރު، އެކަމުގެ ޒިންމާއިން ރައީސް ސޯލިހު އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ އަޅުގަނޑުމެންގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ، ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގްތިސާދު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމެކެވެ. އަދި، ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ދަލީލެކެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީން ބުނީ ޕީޕީއެމްގެ ސަރުކާރުގައި، ދިވެހި ތާރީޚުގައި ވެސް ނުފެންނަ ފަދަ ގިނަގުނަ މުހިންމު ތަރައްގީގެ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ކުރި އިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކާ ޚަލާސްކުރާނެ ހަކަތަވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި އިގްތިސާދު އޮންނާނީ ދުޅަހެޔޮކަންމަތީ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.

" ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ އެވެ. އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެއެވެ. އަދި، މިއަދު ޕީޕީއެމް ގެ ވެރިކަން އޮތް ނަމަ، އޭގައި އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަން އަޅުގަނޑުމެން އެއިރު ކޮށްފައިވާ އަންދާޒާތަކުންނާއި އެއިރު ދައުލަތުގެ މާލިއްޔަތު އޮތްގޮތަށް ބަލާފައި ޔަގީންކުރެވެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ އެޕާޓީގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްގީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން، އެ ގައުމުން ދިވެހި ރައްޔިތުންނަށް ހާއްސަ އިސްކަމެއް އަބަދުވެސް ދެމުންދާނެ ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ނަޝީދަށް ހަނދާންކޮށްދޭ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

"އެއިރު ދެއްކި ދޮގު ވާހަކަތައް ރައްޔިތުންނަށް މިއަދު އެނގި، އޮޅުން ފިލާފައިވާއިރު، އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެކަން ވެސް ހަނދާންކޮށްދެމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިގްތިސާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައް ވެސް ޗައިނާއިން ފަސްކޮށްދޭނެ ކަމަށް މިހާރު ވެސް ހާމަކޮށްފައިވާނެ ކަމަށެވެ.

"ރާއްޖެއަށް އެކަންޏެއް ނޫނެވެ. ހުރިހާ ޤައުމަކަށްވެސްމެއެވެ. ދުނިޔޭގައި މިއަދު އޮތް އެންމެ ބޮޑު އިގްތިސާދަށް އެއީ އަސަރެއް ކުރާނެވަރުގެ ކަމެއް ވެސް ނޫންމެ އެވެ. ވީމާ، މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ގަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެ އެވެ. އިގްތިސާދު ފޫދިޔައީ އެމްޑީޕީގެ ހިންގުމުގެ ހުނަރާއި، އިހުލާސްތެރިކަމާއި، ގާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުންނެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީޕީއެމް އިން ދާނީ ރައްޔިތުންގެ ޙައްގުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް، ގާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ޙައްލުކުރަމުން ކަމަށެވެ. އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަ ވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭނަމަ، އެކަން މިޕާޓީން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

"ސަރުކާރަށް އެކަން ނުވެގެން އުޅޭނަމަ ނުވަތަ އެފަދަ މަޝްވަރާއެއް ކުރުމަށް ފަހަތުފަޔަށް ބުރަވަމުންދާނަމަ، އޭގެ ސަބަބުވެސް ސާފެވެ. ރައީސް ސޯލިހު ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު އެބަ ބަދަލުކުރަންޖެހެއެވެ. އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހެ އެވެ. ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިންވެސް ބޮޑެތި އެހީތަކެއް، ބަދަލުގައި އަސްކަރީ އަދި އިސްތިގުލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ އަދި އިތުރު ކަމެއް މަތިނުކޮށް، ދީފައިވާ ގައުމެކެވެ. އަދި، ލުއި ގޮތްތައް ވެސް ހަދާދީފައިވާ ގައުމެކެވެ. އެގޮތަށް މިވަގުތުވެސް އަމަލުކުރާނެކަން ކަށަވަރެވެ. މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިގްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ނަޝީދުގެ ވިހަ ދުލެވެ. ވިޔާނުދާ އަނގައެވެ. ހިމާރުގެ އަޑެވެ. މިލޯނުތައް ފަސްކޮށް، ލުއިގޮތްތަކެއް ހޯދައިގެން، ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބުމަކަށް އިތުރު ހުރަހެއް ނެތެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. "ކޮންމެއަކަސް، މިކަން މިސަރުކާރަށް ނުވެގެން އުޅޭނަމަ، ޕީޕީއެމް އިން އެކަން ފިސާރެ ފަސޭހައިން ކޮށްލަދޭނެ ވާހަކަ ވެސް ދަންނަވަމެވެ. ރައްޔިތުންގެ ޙައްގުގަ އެވެ. ސަރުކާރުގެ ނާގާބިލުކަމުން ރައްޔިތުން އިތުރަށް ނިކަމެތިކުރަން ފުރުސަތު ނުދިނުމަށެވެ."