ޕައިލެޓް ކަމަކީ އާއްމު ގޮތެއްގައި އެތައް އަހަރެއްގެ ތަމްރީނުތަކާއި ތަޖުރިބާތަކާއެކު ކުރެވޭނެ ކަމެކެވެ. ވަކި ޝަރުތުތަކެއް ހަމަވެގެން ނޫނީ ނުކުރެވޭނެ ކަމެކެވެ.

ނަމަވެސް މި ގަބޫލުކުރުުންތަކާ ޚިލާފަށް އެކަމުގެ އެއްވެސް ތަމްރީނެއް ތަޖުރިބާއެއް ނެތް މީހަކު މިވަނީ ކާމިޔާބު ކަމާއެކު އޭނާ ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓު އެއާޕޯޓުގައި ޖައްސާފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ޑެރެން ހެރިސަން ދަތުރު ކުރަމުން ދިޔައީ ސެސްނާ 208 މޮޑެލްގެ މަތިންދާ ބޯޓެއްގައި ބަހާމާސްއަށް ދިއުމަށެވެ.

ނަމަވެސް ވަކި ހިސާބަކުން ބޯޓު ދުއްވަން އިން ޕައިލެޓްގެ ޚަބަރު ހުސްވެ އިމާޖެންސީ ހާލަތަށް ދިއުމުން ޑެރެން ވަނީ ޕައިލެޓް ސީޓަށް އަރާފަ އެވެ.

މީގެ ކުރިން ޕައިލެޓް ކަމުގެ ތަމްރީނެއް ނުވަތަ ތަޖުރިބާއެއް ލިބިފައި ނުވި ނަމަވެސް އޭވިއޭޝަން ދާއިރާގައި އުޅުނު ޑެރެން އެއާ ޓްރެފިކް ކޮންޓްރޯލްއާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިގެންނެވެ.

https://www.youtube.com/watch?v=w2fQkJGbRcA

"އަހަންނަކަށް މަތިންދާ ބޯޓު ދުއްވާކަށް ނޭނގޭ. އެއްވެސް ތަޖުރިބާއެއް ނެތް" އޭނާ ބުނާ އަޑު އިވެ އެވެ.

މިކަމުގެ ޚަބަރު ލިބުމާއެކު ކުރިން ފްލައިޓް އިންޓްރަކްޓަރުކަން ކޮށްފައިވާ އެއާ ޓްރެފިކް ކޮންޓްރޯލަރު ރޮބާޓް މޯގަން ވަނީ ޑެރަންއަށް މަތިންދާ ބޯޓު އެއާޕޯޓުގައި ޖައްސާނެ ގޮތް ޑެރަންއަށް ކިޔައިދީފަ އެވެ.

ރޮބާޓްގެ އެހީއާއެކު ޑެރަން ކާމިޔާބު ކަމާއެކު ފްލޮރިޑާގެ ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާ ބޯޓު ޖެއްސުމާއެކު އެއާ ޓްރެފިކް ކޮންޓްރޯލާއި މަތިންދާ ބޯޓުގައި ތިބި އެހެން ފަސިންޖަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ދަތުރަށްފަހު ރޮބާޓްއާއި ޑެރަން ބައްދަލުކޮށްފައިވާއިރު ރޮބާޓް ބުނީ އަސްލު ތައުރީފު ހައްގުވަނީ ޑެރަންއަށް ކަމަށާއި އޭނާ އަދާކުރީ އޭނާގެ ވަޒީފާ ކަމަށެވެ.

އެ ބޯޓު ދުއްވަން އިން ޕައިލެޓްގެ ސިއްހީ ހާލަތު ޔަގީން ނުވާއިރު މި ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށް އިދާރާތަކުން ބުނެ އެވެ.