ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތް އަށް ކައިވެނި ނުކުރެވޭ ސަބަބު ހާމަކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ އޭނާގެ ކުރިއަށް ރިލީސްކުރާ ފިލްމު "ދަކާޑް" އާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އެ ވާހަކަތަކުގެ ތެރެއިން ކަންގަނާ އަދިވެސް ކައިވެނި ނުކޮށް ހުރި ސަބަބު އެހުމުން ކަންގަނާ ވަނީ އެސަބަބު ކިޔައިދީފަ އެވެ.

ކަންގަނާ ބުނިގޮތުގައި އެ ސުވާލަކީ ވަރަށް ގިނަ ބައެއްގެ ފަރާތުން އޭނާ އަށް އަމާޒުވާ ސުވާލެކެވެ. އޭގެ އިތުރުން އާންމުންވެސް ކަންގަނާ ކައިވެނި ކުރާނީ ކޮން އިރަކުންތޯ ސުވާލުކުރާކަން ކަންގަނާ ފާހަގަކޮށްފައިވެ އެވެ.

ކައިވެނިކުރުމާއި ގުޅިގެން ކަންގަނާ ވަނީ އޭނާ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުކަން ހާމަކޮށްފަ އެވެ. އެހެންނަމަވެސް ކައިވެނި ކުރުމަށް ހުރަސްއަޅަނީ، ފިލްމު އިންޑަސްޓްރީގައި އޭނާއާ ގުޅުވައިގެން ދެކެވޭ އެކި ޒާތުގެ ވާހަކައިގެ ސަބަބުން ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ.

ކަންގަނާ ބުނީ އިންޑަސްޓްރީގައި، އޭނާ ފިރިހެން މީހުންނަށް އަނިޔާކުރާކަމަށް ވާހަކަ ފެތުރިފައިވާކަމަށެވެ. އަދު އެފަދަ ވާހަކަތައް ދައްކައި އެވާހަކަތައް ފެތުރުމުގެ ސަބަބުން އެއްވެސް ރަނގަޅު ފިރިހެނަކު އޭނާއަށް ކައިވެންޏަށް އެދެން ބޭނުން ނުވާކަމަށް ކަންގަނާ ހާމަކޮށްފައިވެ އެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ކަންގަނާ އަކީ އިންޑަސްޓްރީގައި ދިމާވާ އެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލާ ފަންނާނެކެވެ.